މިފްކޯގެ ސީއީއޯ މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް މާދަމާ ހާޒިރު ކުރަނީ
ކެޔޮޅާ |
24 މާރޗް 2024

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދާއި ޕްރައިވެޓައިޒޭޝަން ކޮޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް މާދަމާ ހާޒިރު ކުރަން ނިންމައިފި އެވެ.

މިފްކޯ އިން ބުނީ އެ ކޮމިޓީއަށް ހާޒިރުވުމަށް މަޖިލިސް އިދާރާއިން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ކޮމިޓީ މާދަމާ ފަށާނީ 13:15 ގައެވެ. ޝަމާހް އާއެކު ކޮމިޓީއަށް ވަޑައިގަންނަވަނީ އެކްޓިންގ ހެޑް މުއާޒް އަލީ އާއި ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާގެ ޑެޕިއުޓީ މެނޭޖަރ އިބްރާހިމް ސައީދެވެ.

ޝަމާހްއާއި، ޕީސީބީގެ މެންބަރުން އެސްއޯއީ ކޮމިޓީ ހާޒިރުކޮށް ސުވާލުކުރަން ނިންމީ މިދިޔަ ބުދަދުވަހު ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައެވެ. ކޮމިޓީއަށް އެމައްސަލަ ހުށަހެޅުއްވީ، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މާފަންނު މެދު ދައިރާގެ މެންބަރު އިބްރާހިމް ރަޝީދެވެ. އެ ދުވަހުގެ ބައްދަލުވުމުގައި ނިންމީ މިފްކޯގެ ސިއީއޯ ސަސްޕެންޑް ކުރި މައްސަލަ ބަލަން، ދެން އޮންނަ ޖަލްސާއެއްގައި މައްސަލަ އެޖެންޑާކޮށްގެން ކުރިއަށް ގެންދިއުމަށެވެ.

މިދިޔަ ހޯމަ ދުވަހު ސަމާހް ސަސްޕެންޑުކުރީ، ކޯޕަރޭޓް ގަވަނެންސާއި ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހެޅި އެކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމަށްކަމަށް ބުނެއެވެ.ޕީބީސީން އޭރު ބުނެފައިވަނީ، އޭނާ ސަސްޕެންޑްކުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަޑާއި ޝަކުވާ ހުށަހެޅުމާއި، އަދި ފިޔަވަޅު އެޅުމާއި ބެހޭ އުސޫލުގެ ފަންސަވީސް ވަނަ މާއްދާގެ (ށ) ގެ އެއްވަނަ ނަމްބަރުގައިވާ ހާލަތައް ރިއާޔަތްކުރުމަށްފަހުގައި ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ޝަމާހު އަށް ޕީބީސީން ފޮނުވި ސިޓީއެއްގައި، ކޯޕަރޭޓް ގަވަނަންސް ކޯޑާއި، ޕީސީބީއިން ހަދާފައިވާ އުސޫލުތަކާއި ހިލާފަށް މިފްކޯ އިން 12 ކަމެއް ކޮށްފައި ވާކަން ފާހަގަ ކޮށް އެކަން އިސްލާހު ކުރުމަށް އަންގާފައި ވެއެވެ.

ޕީސީބީން ފާހަނގަކުރި ކަންތައްތަކުގެތެރޭގައި، ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައާއި ސިޔާސީ ބޭނުންތަކަށް ފާޅުކަންބޮޑު ގޮތެއްގައި ބޭނުންކުރުމާއި، ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒިފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި, ވަޒީފާގެ ބިރުދެއްކުމާއި, ދާއިމީ މަގާމްތަކުގައި ތިއްބެވި މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނާއި ޚިލާފުވާ ސަބަބެއްނެތި މަގާމާއި މުސާރަ ދަށްކުރުމާއި, ސަބަބެއް ނެތި އެހެން ޑިޕާޓްމަންޓްތަކަށާއި, ކުންފުނީގެ ސައިޓުތައް ހުންނަ ރަށްރަަށަށް ބަދަލުކުރުން ހިމެނެއެވެ.

މީގެ އިތުރުން، ކުންފުނީގެ މުވައްޒަފުން ނެގުމާއި ގުޅޭގޮތުން ހަދާފާއިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަޑާއި ޚިލާފަށް ސީއީއޯގެ އާއިލީ ގުޅުންހުރި ފަރާތްތަކަށާއި, ރައްޓެހިންނަށް ބަޖެޓް ހަމަޖެހިފައި ނުވަނީސް ވަޒީފާ ދިނުމާއި، ބެސްޓު ޕްރެކްޓިސްއާއި ގަވަރނަންސް އުސޫލުތަކާއި ޚިލާފަށް ހެޑް ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާއި ޚިލާފަށް, އެއްވެސް ޝަރުތަކަށް ބެލުމެއްނެތި, އާންމުކޮށް އިއުލާން ކުރުމަކާނުލާ, އިޖުރާތުތައް ފުރިހަމަނުކޮށް މުވައްޒަފުން ވެއްދުމާއި،  ޕީސީބީގެ ހުއްދަ ހޯދުމަކާނުލާ, ކުންފުނީގެ މަގާމްތައް އުފައްދާ, އެމަގާމްތަކަށް މީހުން ވެއްދުމާއި، އުސޫލުތަކާއި ޚިލާފަށް, އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ނެތް ފަރާތްތައް ޑިޕާޓްމަންޓްތަކުގެ ވެރިންނަށް ލުންވެސް ފާހަނގަކޮށްފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
error: Content is protected !!