ފްރާންސްގެ ނީސްގައި ކުރިޔަށްދިޔަ އދ ގެ ތިންވަނަ އޯޝަން ކޮންފަރެންސް ނިންމާލައިފި އެވެ.
9 އިން 13 ޖޫން 2025 އަށް، ކުރިޔަށްދިޔަ އދ ގެ ތިންވަނަ އޯޝަން ކޮންފަރެންސްގައި، 55 ދައުލަތްތަކުގެ އިސްވެރިންނާއި ސަރުކާރުތަކުގެ އިސްވެރިން، އަދި މަދަނީ މުޖުތަމަޢު، ވިޔަފާރި އަދި ސައިންސްގެ ދާއިރާތަކުން 15,000 ބޭފުޅުން ބައިވެރިވިއެވެ. ފްރާންސް އަދި ކޮސްޓަރީކާގެ ސަރުކާރުތަކުން އެކުގައި ހޯސްޓްކުރި އދ. ގެ މި ކޮންފަރެންސްގައި 450 އަށްވުރެ ގިނަ އިތުރު ހަރަކާތްތައްވެސް ހިމެނުނެވެ. ކަނޑުތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމާއި، ހުރިހާ ފަރާތްތަކެއް މިކަމަށް ހަރަކާތްތެރިކުރުވުމުގެ މަގްސަދުގައި ބޭއްވި މި ކޮންފަރެންސް ކުރިޔަށްގެންދިޔައީ މީގެ ކުރިން ނިއުޔޯކް (2017) އަދި ލިސްބަން (2022) ގައި ބޭއްވި ކަނޑުގެ ސަމިޓްތަކުގެ މޮމެންޓަމްގެ މައްޗަށެވެ.
ކޮންފަރެންސް ނިންމާލީ ކަނޑުތައް ހިމާޔަތްކުރުމުގެ މަސައްކަތްތައް ފުޅާކުރުމާއި، ކަނޑު ތަޣައްޔަރުވުން ހުއްޓުވުމާއި، ކަނޑުތައް ރެގިއުލޭޓްކުރުމާއި، ނާޒުކު އައްސޭރިފަށާއި ޖަޒީރާ ގައުމުތަކަށް ފައިނޭންސިންގ ހުޅުވާލުމަށް ގޮވާލަމުންނެވެ. އަދި، ކަނޑު ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ވައުދުވެ، 170 އަށް ވުރެ ގިނަ ގައުމުން އެއްބަސްވާ ގުޅިފައިވާ ގަރާރެއް ފާސްކޮށްގެންނެވެ.
ކޮންފަރެންސްގެ ބައިވެރިންވީ ބައެއް ވައުދުތަކާއި އިސްނެގުންތައް:
- އޯޝަން ޕެކްޓްގެ ދަށުން ކަނޑުތައް ހިމާޔަތްކުރުމާއި ސައިންސް އަދި ދެމެހެއްޓެނިވި މަސްވެރިކަމަށް އެހީތެރިވުމަށް އެއް ބިލިއަން ޔޫރޯގެ އިންވެސްޓްމަންޓެއް ޔޫރަޕިއަން ކޮމިޝަނުން އިއުލާންކުރި.
- ގާތްގަނޑަކަށް 5 މިލިއަން އަކަމީޓަރު (1.93 މިލިއަން އަކަމީޓަރު) ގެ މުޅި އެކްސްކްލޫސިވް އިގްތިސާދީ ސަރަހައްދު ކަވަރުކޮށް، ކަނޑުތައް ރައްކާތެރި ކުރުމަށް ދުނިޔޭގެ އެންމެ ބޮޑު ކަނޑު ހިމާޔަތްކޮށްފައިވާ ސަރަހައްދު އުފެއްދުމަށް ފްރެންޗް ޕޮލިނީޝިއާ އިން ވައުދުވި.
- ޕެސިފިކް އައިލެންޑްސް ސަރަހައްދުގައި ”އޯޝަން ގަވަނެންސް“ އިތުރުކުރުމާއި، މެނޭޖްމަންޓާއި ސައިންސް އަށް އެހީތެރިވުމަށް ނިއުޒީލެންޑުން 52 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ހޭދަކުރުމަށް ވައުދުވި.
- ޖަރުމަނުގެ ބޯލްޓިކް އަދި އުތުރު ކަނޑުގައި ހުރި ލެގަސީ މުނިޝަންތައް ހޯދައި، ސާފުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް 100 މިލިއަން ޔޫރޯގެ ޕްރޮގްރާމެއް އިފްތިތާހުކުރި. މިއީ މި ބާވަތުގެ ފުރަތަމަ ޕްރޮގްރާމް.
- އިންޑޮނޭޝިއާ އާއި ވޯލްޑް ބޭންކާއި އެހެނިހެން ބައިވެރިން ގުޅިގެން އިންޑޮނޭޝިއާގެ ކަނޑު ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ކޮރަލް ރީފް އިކޯސިސްޓަމްތައް ހިމާޔަތް ކުރުމަށް އަމިއްލަ ރައުސުލްމާލު އެއްކުރުމަށް ފަރުމާކޮށްފައިވާ ”ކޮރަލް ބޮންޑް“ އެއް ތައާރަފްކުރި.
- ޕެނަމާ އާއި ކެނެޑާ އިސްވެ، 37 ގައުމެއްގެ ބައިވެރިވުމާއެކު ”ހައި އެމްބިޝަން ކޯލިޝަން ފޯ އަ ކުައައެޓް އޯޝަން“ ލޯންޗުކުރި. މިއީ، ކަނޑުގެ އަޑު ތަޣައްޔަރުވުމާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރިއަށް ގެންދާ މަތީ ފެންވަރުގެ ފުރަތަމަ ސިޔާސީ އިސްނެގުން.
- ކަނޑުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި، ތެޔޮ ޕްލެޓްފޯމްތަކުގައި ކޯސްޓްގާޑުން ސަރވޭލަންސް ހަރުދަނާ ކުރުމަށް އިޓަލީން 6.5 މިލިއަން ޔޫރޯގެ ވައުދުވެފައިވޭ. އޭގެ ތެރޭގައި ތެޔޮ އުކާފާނެ ތަންތަން ރިއަލް ޓައިމްގައި ދެނެގަނެވޭނެ ސެޓެލައިޓް ސަވައިލެންސް ސިސްޓަމެއް ގާއިމުކުރުން ހިމެނޭ.
- އޯޝަން ރިސްކް އެންޑް ރެސިލިއެންސް އެކްޝަން އެލަޔަންސް އަށް ކެނެޑާއިން 9 މިލިއަން އެމެރިކާ ޑޮލަރު ދިން. މިއީ، ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްތަކާއި، އައްސޭރިފަށުގެ ތަރައްގީވަމުން އަންނަ ގައުމުތަކުގެ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތަކަށް ”ރެސީލިއެންސް“ އިތުރުކުރުމަށް އެހީތެރިވުމަށް ކެނެޑާއިން ދިން އެހީއެއް.
- ސްޕެއިންގެ ކަނޑުގެ ސަރަހައްދުގެ %25 ހިމާޔަތް ކުރަން މަގުފަހިވާގޮތައް، ކަނޑުގެ އާ ފަސް ސަރަހައްދެއް ހިމާޔަތްކުރުމަށް ސްޕެއިން އިން ވައުދުވި.
- އދގެ އޭޖެންސީތަކާއި، ޖަމާޢަތްތަކުން ”ވަން އޯޝަން ފައިނޭންސް“ އަށް އެކުގައި ފަރުމާކުރުމުގެ މަސައްކަތެއް ފެށުން. މިއީ ކަނޑާ ގުޅިފައިވާ ސިނާޢަތްތަކާއި ނޫ އިޤްތިޞާދީ ދާއިރާތަކުން އަލަށް ބިލިއަން ޑޮލަރުތަކެއްގެ ފައިނޭންސިންގ ހޯދުމަށް ކުރެވޭ ހިތްވަރުގަދަ އައު މަސައްކަތެއް.
ޔޫއެން އޯޝަން ކޮންފަރެންސްގެ ހަތަރުވަނަ ބައްދަލުވުން އޮންނާނީ 2028 ވަނަ އަހަރުގައެވެ. އެބައްދަލުވުން އެކުގައި ހޯސްޓްކުރާނީ ޗިލީއާއި، ކޮރެއާ ސަރުކާރުންނެވެ.