ފާނައިގެ ބާވަތްތަކަކީ މާޙައުލީ ނިޒާމުގައި އުޅޭ އެހެނިހެން ބާވަތްތަކާ ގިނަ ގޮތްގޮތުން ގުޅިފައިވާ، މާޙައުލީ ނިޒާމުގައި މުހިންމު އެކި ދައުރުތައް އަދާކުރާ ބާވަތްތަކެކެވެ. މިގޮތުން، ފާނައަކީ އެކަތި އަނެކައްޗަށް ފައިދާކުރުވަނިވި ގުޅުންތަކެއް އުފައްދާ މަހެކެވެ. މިސާލަކަށް، ފާނައިގެ ބައެއް ބާވަތްތަކަކީ، ވެނާއި ބޯވަ ފަދަ އެހެން ބާވަތްތަކާ ގުޅިގެން ޝިކާރަކޮށްއުޅޭ ބާވަތްތަކެކެވެ. އަދި ފާނައިގެ ހަށިގަނޑުގެ ތެރޭގައި އުޅޭ އައިސޮޕޮޑް އާއި، ޓޭޕްވަރމް ގެ ޅަ ފަންޏާއި، ނެމަޓޯޑް އާއި، ޓްރެމަޓޯޑް އަދި ސެސްޓޯޑް ފަދަ ޕެރަސައިޓްތައް ނަގައި ސާފުކުރުމަށް ދޮން ތެޔޮފުޅިމަސް ކަހަލަ މަސްމަހުގެ އެހީތެރިކަން ހޯދައެވެ. އަދި މީގެ އިތުރުން، ފުޑް ޗެއިން ގައި ހަކަތަ ދައުރު ކުރުމުގައިވެސް ފާނަ މުހިންމު ދައުރެއް އަދާކުރެއެވެ.
ފާނައަކީ މުރަކަ ފަރުތަކުގެ މާޙައުލުގެ ކާނާގެ ހަރުފަތްތަކުގެ އެންމެ މަތީގައިވާ ބާވަތެކެވެ. ނަމަވެސް، ފާނައަކީ ޝިކާރަކުރުމަށް މާ ބޮޑަށް ހެލިފެލިވާ މަހެއް ނޫނެވެ. އެއީ ޝިކާރައިގެ އިންތިޒާރުގައި މަޑުކުރާ މަހެކެވެ. ޝިކާރަ ކުރިމައްޗަށް އެރުމުން ކުއްލިއަކަށް އަނގަ އޫކޮށް، އަނގަ ފުޅާކޮށް، ޝިކާރައާ އެކު ލޮނުގަނޑު އަނގައިގެތެރެއަށް ދަމައިގަނެއެވެ. އަދި ކަރުތެރެއަށް ވާގޮތަށް ސަފުސަފަށް ހުންނަ ކުދި ދަތްތަކުން ކަނާ ޗަސްކޮށް، ކުދިކުރެއެވެ. ބޮޑެތި ފާނަ އާންމުގޮތެއްގައި ކައި އުޅެނީ އެހެނިހެން މަސް އަދި ބޯވަ އާއި ކަކުނީގެ ބާވަތްތައް ފަދަ މައިކަށި ނުހުންނަ ދިރުންތަކެވެ. އަދި ޅަ ފާނަ ކައި އުޅެނީ ކުދި ކަކުންޏާއި ޑިނގާފަދަ ތަކެއްޗެވެ.
ފާނައަށް ޝިކާރަކުރާ ބާވަތްތަކުގެ ތެރޭގައި މިޔަރާއި، ފަރުތޮޅި އަދި ވެން ހިމެނެއެވެ. މީގެ އިތުރުން، ފާނަ ބިސްދޫކުރަން ޖަމާވާ ސަރަޙައްދުތަކުގައި އެންމަޑި ފަދަ ބޮޑެތި މަހުގެ ބާވަތްތައް ފާނައިގެ ބިސް ކެއުމަށް ޖަމާވެއެވެ.
ފާނައަކީ މާޙައުލީ ނިޒާމުގެ ޞިއްޙަތަށާއި، ދިމާވާ ކަންކަމުން މާޙައުލީ ނިޒާމު ވިލުމަށް މުހިންމު ދައުރެއް އަދާކުރާ މަހެކެވެ. ފާނަ ބިސްދޫކުރުމަށް ޖަމާވާ ޖަމާވުންތައް ވަކި ސަރަޙައްދަކުން މަދުވެ، ފާނަ ޖަމާވުން ހުއްޓިއްޖެނަމަ، އެ ސަރަޙައްދެއްގައި އުޅޭ ފާނައާއި ކާނާގެ ވިއުގައިގެ ޒަރިއްޔާއިން ގުޅިފައިވާ އެހެނިހެން ދިރުންތަކަށާއި މުޅި މާޙައުލީ ނިޒާމަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ފޯރުން އެކަށީގެންވެއެވެ. މިފަދަ ޖަމާވުންތަކަށް އަމާޒުކޮށްގެން ކުރާ މަސްވެރިކަމަކީ މިކަމަށް މަގުފަހިކުރުވާ ކަމެކެވެ. އަދި މިގޮތަށް ބިސްދޫކުރުމަށް ޖަމާވާ ސަރަޙައްދުތަކަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުމަކީ ފާނައިގެ އާބާދީ ހީނަރުވުމަށް ދިމާވާ ސަބަބެއް ކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮށްފައިވާ ދިރާސާތަކުން ދައްކައެވެ. މިސާލަކަށް، ބިސްދޫކުރުމަށް ޖަމާވާ ކުލަ ފާނަ އާއި އޮޅުފާނަ އަށް އަމާޒުކޮށްގެން ޕަލާއު ގައި ކުރެވުނު ފާނަ މަސްވެރިކަމުގެ ސަބަބުން މި ދެ ބާވަތުގެ ފާނައިގެ އާބާދީ ވަރަށް ބޮޑަށް ހީނަރުވެ، ފާނައިގެ އެކްސްޕޯޓު މުޅިން ހުއްޓުމަކަށް އައިސްފައި ވެއެވެ.
ފާނައިގެ ޙަޔަވިއްޔާތާއި އުޅުމުގައި ހުންނަ ޚާއްޞަ ސިފަތަކެއްގެ ސަބަބުން ފާނައަށް މަސްވެރިކަމުގެ ނޭދެވޭ އަސަރު ވަރަށް ފަސޭހައިން ކުރެއެވެ. ދިރުންތަކުގެ އާބާދީގެ ހާލަތު ގިންތިކުރުމަށް ބޭނުންކުރާ އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންސަރވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) ގެ ރެޑް ލިސްޓުގެ ކްރައިޓީރިޔާތަކަށް ބަލައި، ކޮށްފައިވާ ދިރާސާއަކުން ދައްކައިފައިވާ ގޮތުގައި ފާނައިގެ ބާވަތްތަކުގެ %13 އަކީ ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ބާވަތްތަކެކެވެ.
މިއަދު ދުނިޔެއަށް އަންނަ މޫސުމީ ބަދަލުތަކާ ގުޅިގެން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކަނޑުގެ ޤުދުރަތީ ނިޒާމަށް ދަނީ ބުރޫއަރަމުންނެވެ. ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ރާއްޖޭގެ ފަރުތަކަށް ދިމާވާ ގައު ހުދުވުމުގެ މައްސަލައަކީ ވެސް ފާނައިގެ އާބާދީ އާލާވުމަށް އޮތް ހުރަހެކެވެ. މާޙައުލީ ނިޒާމަށް އަންނަމުންދާ މިފަދަ ބަދަލުތަކާ ގުޅިގެން އެވެށީގައި ދިރިއުޅޭ ބާވަތްތަކަށް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. މިފަދަ ޤުދުރަތީ ކާރިސާތައް ދިމާވަމުންދާ ހާލަތެއްގައި ފާނައިގެ އާބާދީ އާއި ފާނަ ދިރިއުޅޭ މާޙައުލުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި ފާނަ މަސްވެރިކަން ކުރެވެމުންދަނީ ދެމެހެއްޓެނިވިގޮތެއްގައިކަން ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
މަސްދަރު: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް