މަސްވެރިންގެ ގައުމީ ދަފްތަރުގެ ގަވާއިދު ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވި އެއަށް ގާނޫނީ ހައްސިއްޔަތެއް ލިބޭ ހިސާބުން، ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް(އެމްއައިބީ) އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(ޢެސްޓީއޯ)އިން އެހެނިހެން ވަޒީފާތަކުގައި މިހާރު އުޅޭ ފަރާތްތަކަށް ލިބޭ ފުރުސަތުތައް މަސްވެރިންނަށްވެސް ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ކ. ގާފަރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވާލެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެެއް ކަމަށާއި، އެއީ ވަރަށް މުހިންމު މަގްސަދެއްގައި އެކުލަވާލާ ދަފްތަރެއް ކަމަށެވެ.
”މަސްވެރިންނަށް ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވަނީ، އެހެން ވަޒީފާތައް އަދާކުރާ މީހުންނަށް އެ އޮންނަ ފުރުސަތުތައް ނުލިބޭތީ ބޭންކްތަކުން. ވަޒީފާއެއްގެ ގޮތުގައި އެ އާމްދަނީ ޑިކްލެއާކޮށްގެން، އޭގެ ފައިދާ ހޯދުމުގެ ފުރުސަތެއް ނޯވޭ. އެހެންވީމައި އަޅުގަނޑު ވައުދުވީ ދަފްތަރެއް ގާއިމުކޮށް، އެއީ ގާނޫނީ ބާރުވެރިކަން އޮތް ދަފްތަރަކަށް ހަދައި، އޭގަ ރަޖިސްޓްރީވާ މަސްވެރިންނަށް، ބޭންކްތަކުން ލޯނު ހޯދުމާއި، ފެސިލިޓީތައް ހޯދުމުގެ ފުރުސަތު ދޭން. އެހެންވީމައި މި މަސައްކަތް އަޅުގަނޑުމެން ދައުރުގެ ކުރީކޮޅު، އަހަރުގެ ކުރީކޮޅު ފަށައިގެން މިއަދާހަމަޔަށް އާއިރު ހަމަ ވަރަށް ގިނަ މަސްވެރިން ބައިވެރިވެއްޖެ.އަދި ހަމަ ކުރިޔަށްދާނެ. ހަމަ ހުޅުވާލެފަ އެއޮތީ.“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ދަފްތަރަށް ގާނޫނީ ހައިއްސިއްޔަތެއް ގެނައުމަށް ކުރެވުނު މަސައްކަތުގެ ދަށުން، ދަފްތަރާ ބެހޭ ގަވާއިދެއް ހަދައި، އެ ދަފްތަރު ރިކޮގްނައިޒްކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ބޭންކްތަކާ ގުޅިގެން ކުރިޔަށްގެންދާކަމަށެވެ. އަދި މިހަފްތާ ނިމުމުގެ ކުރިން އެ ގަވާއިދު ރަޖިސްޓްރީ ކުރެވި އަމަލީ ސިފަ އަންނާނެކަމަށް ވިދާޅުވި އެވެ.
”އެހެންވީމައި މި ބުރާސްފަތި ދުވަހުން ފެށިގެން، އިރާދަކުރެއްވިއްޔާ މަސްވެރިންގެ ދަފްތަރުގެ ގަވާއިދު ރަޖިސްޓްރީވީމަ، ބޭންކް އޮފް މޯލްޑިވްސް، އެމްއައިބީންނާ، އެސްޓީއޯއިންނާ މަސްވެރިންނަށް އެހެން ވަޒީފާތަކުގެ އުޅޭ މީހުންނަށް އޮތް ފުރުސަތުތައް.ލިބިގެންދާނެ.“ ރައީސް ވިދާޅުވި އެވެ.
މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމުގު މަޤްސަދުގައި މަސްވެރިންގެ ޤައުމީ ދަފުތަރެއް އެކުލަވައިލުމަށް [ކެޔޮޅު] ފޯނު އެޕްލިކޭޝަނެއް 16 ފެބްރުއަރީ 2024 ގައި އިފްތިތާޙްކޮށް، އެ ދަފްތަރު ފުރިހަމަކުރުމަށްޓަކައި ފިޝަރީޒް މިނިސްޓްރީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، މަސްވެރި އުޅަނދުތަކުގެ ޒިންމާވާ ފަރާތްތަކަށް ގުޅުމުގެ އިތުރުން، މަސްވެރި ރަށްރަށާއި މަސްކިރާ ބަނދަރުތަކަށް މިނިސްޓްރީގެ މުވައްޒަފުން ދަތުރުކޮށް ދަފްތަރުގައި ރަޖިސްޓަރީވުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ މައުލޫމާތު އޮޑިވެރިންނަށާއި މަސްވެރިންނަށް ފޯރުކޮށްދީފައި ވެއެވެ.
މިނިސްޓްރީން ބުނީ، ’މަސްވެރިންގެ ގައުމީ ދަފްތަރު‘ މެދުވެރިކޮށް އެއްކުރެވޭ މަޢުލޫމާތުތަކަކީ މަސްވެރިކަމާބެހޭ ތަރައްޤީގެ މަޝްރޫޢުތައް އެންމެ އެދެވޭ ގޮތެއްގައި ފަރުމާކުރުމަށާއި، މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޛުކުރުމަށްޓަކައި އެއްކުރެވޭ މުހިއްމު މަޢުލޫމާތުތަކެއް ކަމަށެވެ.