މ. މަޑުއްވަރީން އިއްޔެ މަހަށްފުރި ފަރިހި-2 ދޯނި ގެއްލިގެން ހޯދުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 440 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ލެފްޓިނެންޓް ކާނަލް ހުސައިން ރަޝީދު ވިދާޅުވީ ކޯސްޓްގާޑުގެ އުޅަނދުތަކާއި ޑްރޯންގެ އެހީގައި ވަޔާއި ކަނޑުގެ މަގުން މިހާތަނަށް 440 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލިފައިވާކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ދޯންޏާއި ގެއްލުނު މީހުންވެސް ފެނިފައި ނުވާކަމަށް ވިދާޅުވި އެވެ.
”އަދި ނުފެނޭ. އަދިވެސް ހޯދުމުގެ މަސައްކަތް ކުރިޔަށްދަނީ.“ ރަޝީދު ވިދާޅުވި އެވެ.
ފަރިހި-2 ދޯނި ގެއްލުނުކަމުގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން، އެ ދޯނި ހޯދުމުގެ މަސައްކަތް ރޭ ފެށިއެވެ. މ. މުލީގައި އޮންނަ ”ކޯސްޓްގާޑް ހާބަރ ކްރާފްޓް 114“ އިން ދޯނި ހޯދުމުގެ މަސައްކަތް ފެށީ ރޭ 23:20 ގަ އެވެ. އަދި، ދަންވަރު 2 ޖަހާއެހާކަންހާއިރުން ފެށިގެން ވައިގެ ބާރުގެ ”ޔޫއޭވީ“ ޑްރޯންވެސް ދަނީ ބޭނުންކުރަމުންނެވެ.
ޑައިވިންގް އެކްސްކާޝަންތަކަށް ބޭނުންކުރަމުން އަންނަ ފަރިހި-2 ދޯނި ފަރުމަހަށް ފުރީ އިއްޔެ ހަވީރު 4 ޖަހާ އެހާކަންހާއިރުއެވެ.