ގެއްލިގެން ހޯދަމުން އަންނަ މަޑުއްވަރީ ފަރިހި-2 ދޯނި ހޯދުމަށް އެމްއެންޑީއެފް އެއާކޯގެ ޔޫއޭވީ ޑްރޯން ބޭނުންކުރަން ފަށައިފި އެވެ.
އެމްއެންޑީ އެފް އިން ބުނީ، ”ފަރިހި 2“ ދޯނި ހޯދުމަށް ކޯސްޓްގާޑް ހާބަރ ކްރާފްޓް 114′ ހުކުރު ދުވަހުގެ 23:20 އިން ފެށިގެން ދޯނި ހޯދުމުގެ މަސައްކަތް ކުރަން ފަށާފައިވާކަމަށެވެ. އަދި، މިހާރު އެމްއެންޑީއެފް ވައިގެ ބާރުން ދޯނި ހޯދުމަށްޓަކައި ”ޔޫއޭވީ“ ޑްރޯން އެ ސަރަހައްދަށް އުދުއްސާލާފައި ވާކަމަށެވެ. މިއީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއްގައި ޑްރޯން ބޭނުން ކުރަން ފެށި ފުރަތަމަ ފަހަރެވެ.
ޑައިވިންގް އެކްސްކާޝަންތަކަށް ބޭނުންކުރަމުން އަންނަ ފަރިހި-2 ދޯނި ފަރުމަހަށް ފުރީ ހުކުރުދުވަހު ހަވީރު 4 ޖަހާ އެހާކަންހާއިރުއެވެ. އޭގައި މަހަށް ދިޔައީ މާފުށްޓަށް ނިސްބަތްވާ ތިން މީހުންނެވެ. ރޭގަނޑު 8 ޖަހާލާއިރު އެނބުރި އަންނާނެކަމަށް ބުނެ އެމީހުން މަހަށް ފުރިނަމަވެސް 8 ޖަހާ ބޮޑުވިފަހުންވެސް އެމީހުން އެނބުރި ނާންނާތީ ދޯނީގެ ވެރި ފަރާތްތަކަމަށްވާ އިބްރާހިމް ފައިސަލް ފުލުހަށާއި ކޯސްޓްގާޑަށް ރިޕޯޓްކުރި އެވެ.
މަހަށް ދިޔަ އެއްވެސް މީހެއްގެ ފޯނަށް މިހާތަނަށް އާއިރު ގުޅޭގޮތެއް ނުވެއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ބުނީ، ދޯނީގެ ޚަބަރެއްނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މަޢުލޫމާތު ހުކުރު ދުވަހުގެ 22:06 އެހާކަންހާއިރު ލިބުނުކަމަށެވެ. އަދި، ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު މ. އަތޮޅު ފުލުހުންގެ ލޯންޗުން، ދޯންނާއި މީހުން ހޯދުމުގެ މަސައްކަތް ކުަރަމުން އަންނަކަމަށެވެ. ފުލުހުން ވަނީ ދޯންޏާއި އެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އެމަރޖެންސީ ނަންބަރު 119 އަށް ނުވަތަ މަޢުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.
އެމްއެންޑީއެފްއިންވެސް ވަނީ މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ކޯސްޓްގާރޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރގެ ހިލޭގުޅޭ ނަމްބަރު 191 ނުވަތަ 3398898އަށް ގުޅައި ލިބިފައިވާ މައުލޫތު ހިއްސާކޮށްދެއްވުމަށް އެދިފަ އެވެ.
ސަމާލުކަމަށް: ގެއްލިގެން ހޯދަމުންދާ ދޯޏްނަކީ، ކ. މާފުށީ ޒުވާން ވިޔަފާރިވެރިޔާ އާސިމް މުހައްމަދުފުޅު (ސިމްބެ) އަތުން މަޑުއްވަރީ އިބްރާހިމް ފައިސަލް ގަނެފައިވާ ދޯންޏެކެވެ. އެހެންނަމަވެސް އަދި ރަޖިސްޓްރީ އޮތީ އިބްރާހިމްގެ ނަމަށް ބަދަލުނުކޮށެވެ. މި ހާދިސާ އާއި ގުޅިގެން ފުލުހަށާއި، އެމްއެންޑީއެފްއަށް ރިޕޯޓްކުރިއިރުވެސް އެ ވާހަކަ ފާހަގަކޮށްފައިވާނެކަމަށް އިބްރާހިމް މައުލޫމާތު ދީފައި ވެއެވެ.