މ. މަޑުއްވަރީ ފަރިހި-2 ދޯނި ގެއްލިގެން ހޯދަން ފަށައިފި އެވެ.
ޑައިވިންގްއަށް ޚާއްސަ މި ދޯނީގައި ކ. މާފުށްޓަށް ނިސްބަތްވާ ތިން މީހަކު މަހަށް ދިޔައީ މިއަދު އަސުރަށް ފަހު ކަމަށާއި، މިރޭ އެނބުރި އަންނާނެކަމަށް ބުނި ނަމަވެސް މިހާތަނަށް ޚަބަރެއް ނުވާކަމަށް ދޯނިގެ ވެރިފަރާތްކަމުގައިވާ އިބްރާހިމް ފައިސަލް ބުންޏެވެ.
އެ ދޯންޏަކީ އާންމުކޮށް މަހަށްދާ ދޯންޏެއް ނޫންކަމަށާއި، މިއަދު އެ ތިން މީހުން ބޭނުންވެގެން މަސް ދަތުރަކު ދިޔައި ކަމަށް އިބްރާހިމް ބުންޏެވެ. އަދި އެދިޔަ މީހުންނަކީވެސް ކަނޑަށް ފަރިތަ މީހުންކަމަށް އިބްރާހިމް ބުންޏެވެ. ދޯނީގައި ޖީޕީއެސް ނުހުންނާނެކަމަށާއި، އާންމުކޮށް ޖީޕީއެސް ބޭނުންކުރަނީ ފޯނުންކަމަށް އިބްރާހިމް ބުންޏެވެ.
”ދޯނީގައި ސަލާމަތީ ހުރިހާ އާލާތެއް ހުންނާނެ. އެމީހުންނަކީ ޑައިވްވެސް ކުރެވޭ ކަނޑަށް ގަދަ މީހުން. އެކަމަކު ދިޔައީ ޑައިވިންގ ދަތުރެއްގަ ނޫންވީމައި ޑައިވިންގ ގިއަރެއް މިވަގުތު ނުހުންނާނެ. ޖީޕީއެސް ބޭނުންކުރާނީ ފޯނުން.“ އިބްރާހިމް ބުންޏެވެ.
ފަރިިހި-2 އަކީ ޑައިވިންގް ދޯންޏެކެވެ. އަރިމަތީގައި ސީޓްޖަހާފައި ހުންނައިރު ގާތްގަނޑަކަށް ވިހި މީހުންނަށް ދޯނީގައި ފަސޭހަކަމާއެކު ދަތުރުކޮށްލެވޭނެކަމަށް އިބްރާހިމް ބުންޏެވެ. ފައިސަލް ބުނީ އެމީހުންގެ ޚަބަރެއް ނުވެގެން ކޯސްޓްގާޑަށް ވެސް މިހާރު އަންގާފައިވާ ކަމަށެވެ.
“ ކޯސްޓްގާޑަށް އަންގައިފިން. އެމީހުން ބުނި އަދި ޑްރޯން އަރުވާވަރެއް ނުވެޔޭ.“ އިބްރާހިމް ބުންޏެވެ.
އިބްރާހިމް މި ވަގުތު ހުރީ އެކަމާ ވަރަށް ކަންބޮޑުވެފައެވެ. އެއީ ދޯނީގައި ތިބި ތިން މީހުންގެ ތެރެއިން އެއްވެސް މީހަކަށް ނުގުޅެތީ އެވެ.
”ބައެއް މީހުން އެބަބުނޭ ދޯނި އަޑިޔަށްދިޔައީއޭ… އެމީހުން ކަނޑުވިއްޔޭ… އެެހެންވެެގެންނޭ ފޯން ރިންގް ނުވަނީ…އަސްލު ވަރަށް ފްރަސްޓޭޓްވެފަ މިހިރީ.“ އިބްރާހިމް ބުންޏެވެ.
މިހާތަނަށް އާއިރު ކޯސްޓްގާޑުން އަދި ދޯންޏާބެހޭ ގޮތުން އެއްވެސް ޚަބަރެއް ނުލިބޭކަމަށް އިބްރާހިމް ބުންޏެވެ.
ސަމާލުކަމަށް: ގެއްލިގެން ހޯދަމުންދާ ދޯޏްނަކީ، ކ. މާފުށީ ޒުވާން ވިޔަފާރިވެރިޔާ އާސިމް މުހައްމަދުފުޅު (ސިމްބެ) އަތުން މަޑުއްވަރީ އިބްރާހިމް ފައިސަލް ގަނެފައިވާ ދޯންޏެކެވެ. އެހެންނަމަވެސް އަދި ރަޖިސްޓްރީ އޮތީ އިބްރާހިމްގެ ނަމަށް ބަދަލުނުކޮށެވެ. މި ހާދިސާ އާއި ގުޅިގެން ފުލުހަށާއި، އެމްއެންޑީއެފްއަށް ރިޕޯޓްކުރިއިރުވެސް އެ ވާހަކަ ފާހަގަކޮށްފައިވާނެކަމަށް އިބްރާހިމް މައުލޫމާތު ދީފައި ވެއެވެ.