މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ(އެމްއެންޔޫ) އިން ކަނޑުގެ ހިމާޔަތްކޮށްފައިވާ ސަރަަހައްދުތައް މެނޭޖްކުރުމާ ބެހޭ ކުރު ކޯހެއް ހިންގުމަށް ނިންމައި، އޭގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއެންޔޫއިން އޮންލައިންކޮށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ 11 ދުވަހުގެ މި ކުރު ކޯހަކީ، އެ ޔުނިވަރސިޓީގެ ދަރިވަރުންނަށާއި، ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންނާއި، ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކާއި، ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކުރުމުގެ ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ.
މިކޯސް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށެވެ. ޖުމްލަ 6 މޮޑިއުލް އެއް ހިމަނައިގެން މިކޯސް ކުރިޔަށް ގެންދަން ހަމަޖެހިފައިވާއިރު، މި ކޯހުގައި ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަސައްކަތްތައް ހިންގުމާއި، މެނޭޖްކުރުމާއި، މޮނިޓަރ ކުުރުމާއި އަދި، ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަސައްކަތްތަކުގައި ފުރިހަމަޔަށް ބައިވެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުވާލައި، މުހިންމު މައުލޫމާތުތަކެއް ހިއްސާ ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޔޫއިން ބުނެއެވެ. އަދި މި ދާއިރާގެ ފަންނުވެރި ޓީމުތަކުގެ އެހީގައި، ކޯހުގެ ބައިވެރިން ”ބެސްޓް ޕްރެކްޓިސް“ ތަކަށް އަހުލުވެރިކުރެވޭނެެ އެވެ.
މި ކޯސް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ އެމްއެންޔޫއާއި، އިނގިރޭސި ވިލާތުގެ އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމާއި، އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ(އީޕީއޭ) ގުޅިގެންނެވެ.
މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އިނގިރޭސި ބަހުންނެވެ. ކޯހުގެ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. މި ލިންކް https://forms.office.com/e/zwTcB1wav9 މެދުވެރިކޮށް ކޯހުގައި ބައިވެރިވެވޭނެ އެވެ.