ސަރުކާރުން އަލަށް ގާއިމު ކުރުމުގެ މަސައްކަތް ފެށި 11 އައިސްޕްލާންޓް ގާއިމުކޮށް ނިމޭއިރު ދުވާލަކު 350 ޓަނު އައިސް އުފެއްދުމުގެ ގާބިލުކަން ލިބިގެންދާނ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން މިއަދު ބުނެފި އެވެ.
މިކަމާގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން ބުނީ، މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 11 ރަށެއްގައި އައިސްޕްލާންޓު ގާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އެތަންތަން ގާއިމުކުރެވުމުން ދުވާލަކު 350 ޓަނުގެ އައިސް އުފެއްދޭނެކަމަށެވެ.
އަލަށް ފަށާ މި މަޝްރޫއުގެ ދަށުން ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ށ. ކޮމަންޑޫ، ޅ. ނައިފަރު، އއ. ރަސްދޫ، މ. ވޭވަށް، ދ.ބަނޑިދޫ، ދ. މީދޫ، ހއ. އިހަވަންދޫ އަދި ގދ. ރަތަފަންދޫގައި އައިސް ޕްލާންޓު ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
މި އައިސްޕްލާންޓްތައް މިފްކޯއާއި ހަވާލުކޮށްގެން ގާއިމުކުރަން ސަރުކާރުން ނިންމާފައިވާއިރު، މީގެ ތެެރެއިން ފަސް ޕްލާންޓެއް ގާއިމު ކުރަނީ ސައުދީ ފަންޑް ފޮރ ޑެވެލޮޕްމެންޓްގެ އެހީގައެވެ. އަނެއް ހަ ޕްލާންޓް ގާއިމުކުރަން ނިންމާފައިވަނީ ދައުލަތުގެ ބަޖެޓުންނެވެ.
ސަރުކާރުން މިހާތަނަށް 25 ރަށެއްގައި އައިސް ޕްލާންޓުތައް ގާއިމްކޮށްފައިވާއިރު، މީގެ ތެެރެއިން ބައެއް ޕްލާންޓްތައް މިހާރު އޮޕަރޭޓް ނުކުރެއެވެ. އެކަން ހައްލުކުރުމަށް މިފްކޯއާ ގުޅިގެން މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މަސްވެރިންނަށް ބޭނުންވާ ވަރަށް އައިސް ނުލިބުމާއި، މިހާރު ހުރި ބައެއް އައިސް ޕްލާންޓްތަކުން އައިސް ލިބެންނެތުމާއި، އައިސް ހޯދަން ދުރު ރަށްރަށަށް ތެޔޮ އަންދާފައި ދަތުރުކުރުމަކީ މަސްވެރިންނަށް މިހާރު ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމުކެވެ. އާ އައިސްޕްލާންތްތަކާއެކު މަސްވެރިން އައިސް ހޯދުމުގައި މިހާރު އުފުލަމުންދާ ތަކުލީފަށް ބޮޑު ލުޔެއް އަންނާނެކަމަށް ބެލެވެއެވެ.