އެގާރަ ރަށެއްގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
މިކަމާގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން ބުނީ، މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 11 ރަށެއްގައި އައިސްޕްލާންޓު ގާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ށ.ކޮމަންޑޫ، ޅ.ނައިފަރު، އއ.ރަސްދޫ، މ.ވޭވަށް، ދ.ބަނޑިދޫ، ދ.މީދޫ، ހއ.އިހަވަންދޫ އަދި ގދ.ރަތަފަންދޫގައި އައިސް ޕްލާންޓު ގާއިމްކުރުމަށް ވަނީ ނިންމާފަ އެވެ.
މި އައިސްޕްލާންޓްތައް މިފްކޯއާއި ހަވާލުކޮށްގެން ގާއިމުކުރަން ސަރުކާރުން ނިންމާފައިވާއިރު، މީގެ ތެެރެއިން ފަސް ޕްލާންޓެއް ގާއިމު ކުރަނީ ސައުދީ ފަންޑް ފޮރ ޑެވެލޮޕްމެންޓްގެ އެހީގައެވެ. އަނެއް ހަ ޕްލާންޓް ގާއިމުކުރަން ނިންމާފައިވަނީ ދައުލަތުގެ ބަޖެޓުންނެވެ.
ސަރުކާރުން މިހާތަނަށް 25 ރަށެއްގައި އައިސް ޕްލާންޓުތައް ގާއިމްކޮށްފައިވާއިރު، މީގެ ތެެރެއިން ބައެއް ޕްލާންޓްތައް މިހާރު އޮޕަރޭޓް ނުކުރެއެވެ. އެކަން ހައްލުކުރުމަށް މިފްކޯއާ ގުޅިގެން މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މަސްވެރިންނަށް ބޭނުންވާ ވަރަށް އައިސް ނުލިބުމާއި، މިހާރު ހުރި ބައެއް އައިސް ޕްލާންޓްތަކުން އައިސް ލިބެންނެތުމާއި، އައިސް ހޯދަން ދުރު ރަށްރަށަށް ތެޔޮ އަންދާފައި ދަތުރުކުރުމަކީ މަސްވެރިންނަށް މިހާރު ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމުކެވެ. އާ އައިސްޕްލާންތްތަކާއެކު މަސްވެރިން އައިސް ހޯދުމުގައި މިހާރު އުފުލަމުންދާ ތަކުލީފަށް ބޮޑު ލުޔެއް އަންނާނެކަމަށް ބެލެވެއެވެ.