ގއ. ވިލިނގިލީ މަސްވެރިއެއް ކަމަށްވާ އަލީ ރަޝީދު (މަސްވެރި އަލިބެ) އަށް މަސްވެރިކަމާއި ދުރަށްޖެހި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ދިން ވަޒީފާއާއި ހަވާލުވެއްޖެ އެވެ.
އަލިބެއަށް ހަމަޖައްސާދީފައިވަނީ އާރުޑީސީގެ އިންވެންޓްރީ މެނޭޖްމަންޓް އޮފިސަރެއްގެ މަގާމަށެވެ. އަލިބެއަށް އާރްޑީސީން ވަޒީފާ ހަމަޖެހުމުން، މިހާރު ވަނީ ވަޒީފާއަށް ނިކުންނަން ފަށާފަ އެވެ. އަލިބެ މަސްވެރިކަން ދޫކޮށް އޮފީހެއްގެ އިދާރީ މަސައްކަތައް ނިކުންނަން ނިންމީ މިހާރުގެ ސިއްހީ ހާލަތު ހުރިގޮތުން، މަސްވެރިކަމަށް ނިކުމެ އެހާ ގިނަވަގުތު ބުރަ މަސައްކަތުގައި ނޫޅެވޭނެކަމަށް ގަބޫލުކޮށްގެންނެވެ.
އަލިބެއަށް ސަރުކާރުން ކުުންފުނިން ވަޒީފާ ހަމަޖެހިފައި މިވަނީ، މަސްވެރިންނަށް މިފްކޯއިން ދޭންޖެހޭ ފައިސާ ދިނުން ލަސްވުމާއި ގުޅިގެން ކުރި އިހުތިޖާޖުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވަނިކޮށްނެވެ. އަލިބެ އޭރު ބުނެފައިވަނީ، މިސަރުކާރު ގެނައީ މަސްވެރިންގެ ވަރަށް ބުރަ މަސައްކަތުން ކަމަށާއި، އެހެންނަމަވެސް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް މަސްވެރިން ދުރުކޮށްލި ކަމަށެވެ. އަދި މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރުމަށްވެސް އޭރު އަލިބެ ގޮވާލާފައި ވެއެވެ.
އަލިބެ ބުނީ މިވަގުތު މަސްވެރިކަމާއި ދުރަށް ދިޔަނަމަވެސް، މަސްވެރިންގެ ހައްގުގައި މަސައްކަތް ކުރައްވާނެކަމަށާއި، ގޯހުން ކަމެއް ދާނަމަ އެކަމަށް އަޑު އުފުލާނެކަމަށެވެ.
އަލިބެ ވަނީ މަސްވެރިކަމުގައި ބާރަ އަހަރަށްވުރެ ގިނަ އަހަރު ހަރަކާތްތެރިވެފަ އެވެ.