ދިވެހި މަސްދޯނިތަކަށް އިންޑިއާ ކޯސްޓްގާޑުގެ ސިފައިން އެރީ އެ ދޯނިތަކުން ސެޓެލައިޓް ފޯން ބޭނުންކުރޭތޯ ކަށަވަރު ކުރުމަށް ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މެންބަރުން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ، އިންޑިއާ ސިފައިން މަސް ދޯނިތަކަށް އެރި ސަބަބެއް ކަމަށް އަންގާފައިވަނީ އެ ދޯނިތަކުގައި ސެޓްލައިޓް ފޯނު ގެންގުޅޭތީ އެކަން ކަށަވަރުކުރުމަށް ކަމަށެވެ.
”ސެޓްލައިޓް ފޯނު ބޭނުން ކުރާތީ އެއީ އެ މީހުން ގަބޫލު ކުރާ ގޮތުގައި ގަވައިދާ ހިލާފު ކަމެއް ކަމަށް ބުނެ ބޯޑް ކުރީ. އެހެންނަމަވެސް އެއީ އިންޑިއާގެ ސަރަހައްދު ތެރޭގައި އެ ފޯނު ބޭނުން ކުރުން، އިންޑިއާގެ ގަވައިދަކަށް ގެނެވުނު ބަދަލަކުން އޮތީ މަނާ ކުރެވިފައި. އެހެންނަމަވެސް ދިވެހިރާއްޖޭގައި އެއީ ބޭނުން ކުރެވޭ ފޯނެއް. އަދި އަޅުގަނޑުމެންގެ ގަވައިދުން ވަކި ވަރަކަށް ބޭރަށް ނުކުންނަ ނަމަ، ގެންގުޅުން ލާޒިމް ކުރާ ފޯނެއް. އެހެންވީމަ ދިވެހިރާއްޖޭގެ މަސްވެރިން ތިބީ ގާނޫނުތަކަށް ތަބާވެގެން،“ ޣައްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިންޑިއާ ކޯސްޓްގާޑުގެ ބޯޑިންގް ޓީމުން ދޯނިތަކަށް އަރާފައިވަނީ “ނޯމަލް ސާޗިންގް” އެއްގައި ކަމަށާއި، ދޯނިތަކަށް އަރައި ދޯނިތަކުގައި ހުރި ފޯނުތައް ޗެކްކޮށް އޭގައިހުރި ސިފައިން އެރި ބައެއް ފޮޓޯ އަދި ވީޑިއޯ ފޯނުތަކުން ފޮހުނު ކަމަށެވެ.