ދިވެހި ތިން މަސް ދޯންޏަށް އިންޑިއާ ކޯސްޓްގާޑުގެ ބޯޑިންގ ޓީމަކުން އެރީ ”މިސް ކޮމިއުނިކޭޝަން“އެއްގެ ތެރެއިން ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމަށް މެންބަރުންނަށް ދެއްވި ފުރުސަތުގައި، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، މަސް ދޯނިތަކަށް އިންޑިއާ ސިފައިން އެރީ ”މިސް ކޮމިއުނިކޭޝަން“އެއްގެ ތެރެއިން ކަމަށް އިންޑިއާއިން އަންގާފައިވާކަމަށެވެ. އަދި، އެކަން އެގޮތަށް ހިނގާފާނެކަމަށް ގަބޫލުކުރައްވާކަމަށްވެސް ވިދާޅުވި އެވެ.
”އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ގަބޫލު ކުރަން މިސް ކޮމިއުނިކޭޝަންއެއް ކަމަށް. ދިވެހިރާއްޖޭގެ އެކުވެރި ގައުމަކުން ރަސްމީކޮށް ދެއްވާފައި އޮތް ޖަވާބަކީ އެއީ ކަމަށް ވާތީ، އަދި އަޅުގަނޑުމެންގެ ޗީފް އޮފް ޑިފެންސް ފޯސް އެ ދުވަސްވަރު ނިއު ދިއްލީއަށް ކުރެއްވި ދަތުރުފުޅެއްގައި ހަމަ އިންޑިއާގެ އެންމެ މަތީ ޕޮލިސީ ލެވެލްގެ ބޭފުޅުންނާ ބައްދަލުވީމަ ވެސް ދެއްވި ޖަވާބަކީ އެއީ. އަޅުގަނޑުމެން އެ ވާހަކަ ގަބޫލު ކުރަން،“ ޣައްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އިންޑިއާ ކޯސްޓްގާޑުގެ ސިފައިން ރާއްޖޭގެ ދޯނިތަކަށް އެރުމުގެ ކުރިން އެ އޮޕަރޭޝަންއާ ގުޅޭ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފާ ހިއްސާނުކުރާކަމަށެވެ.
”މިހާތަނަށް ކަން ހިނގަމުންދާ ގޮތަކީ މިކަހަލަ އޮޕަރޭޝަނެއް ހިންގާ ވަގުތު ހުރިހާ ފަރާތަކަށް މައުލޫމާތު ހިއްސާ ކުރެވިގެން ކުރިއަށް ގެންދިޔުން. އެ ދުވަހު ކަންތައްވީ ގޮތުގައި އަޅުގަނޑުމެންނަށް ހައިރާންކަމެއް ލިބުނު ކަމަކީ އެކަހަލަ ކޯޑިނޭޝަނެއް ހިނގާފައި ނެތުން،“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުއްލި ހާލަތްތަކުގައި، ރާއްޖޭގެ ކޯސްޓްގާޑަށް ގުޅޭނެ ނަންބަރުތަކެއް ގާއިމުކުރެވިފައިވާކަމަށާއި، ރާއްޖޭގެ ޑިފެންސް އެޑްވައިޒަރުން ވެސް އަވަށްޓެރި ގައުމުތަކުގައި އަދި އެ ގައުމުގެ ޑިފެންސް އެޑްވައިޒަރުން ރާއްޖޭގައި ވެސް ތިބޭކަމަށެވެ. އަދި މިހިގައިނދިޔަ ފަދަ ކަންކަން ރަނގަޅު ކުރުމަށް މުސްތަގުބަލުގައި މަސައްކތްކުރާނެކަމަށް ވިދާޅުވި އެވެ. އެގޮތުން، ކޯޑިނޭޝަން އިތުރުކޮށް ހުރިހާ ގައުމެއް ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ކަށަވަރުކުރެވިގެންދާނެކަމަށް ވިދާޅުވި އެވެ.