މަސްކައްކާ ހިއްކުމާއި މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް ރ.މަޑުއްވަރީ ކައުންސިލުން ނިންމައިފި އެވެ.
އެކައުންސިލުން ބުނީ އެރަށުގެ މަސްކައްކާ ސަރަހައްދުން ފަސް ބިމެއް ”މަސް ކައްކާ ހިއްކާ ބިން“ ގެ ނަމުގައި ކުއްޔަށް ދޫކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން އެރަށުގެ ނުވަ ވަނަ ކޮށިން މިމަސައްކަތައް 1800 އަކަ ފޫޓުގެ ފަސް ބިން ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިބިންތައް ވިޔަފާރިި އުސޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ދިހަ އަހަރުދުވަހުގެ މުއްދަތަކަށެވެ.
މަޑުއްވަރީ ކައުންސިލުން މިކަމާއި ގުޅޭގޮތުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިބިންތަކުގައި ކުރެވޭނީ މަސްކައްކާ ހިއްކުމާއި މަސް ލޮނުއެޅުމާއި މަސްއަވީލުމާއި މަސް ބަންދުކުރުމާއި މަސް ޕްރޮސެސްކުރުމާއި މިނޫންވެސް މަސްވެރިކަމާއި ގުޅުންހުރި މަސައްކަތް އެކަނި ކަމަށެވެ. އަދި، ބިޑް ކާމިޔާބުކުރާ ފަރާތްތަކުން ބިމުގައި ޢިމާރާތްތަކާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރުމުގެ ފުރިހަމަ އިޚުތިޔާރުދޭ އިރު، ބިމުގެ އެއްބަސްވުމުގައި ސޮއިކުރާތާ 4 މަސްދުވަސްތެރޭގައި ބިމުގައި މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރަން ފަށަންޖެހޭނެކަމަށެވެ.
މީގެ އިތުރުން، އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އެކަށީގެންވާ ސަބަބެއް ނެތި ބިމުގައި މަސައްކަތްނުކޮށް 5 މަސްދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެއްޖެނަމަ އެއްބަސްވުން ބާތިލުކުރާނެކަމަށާއި، މިބިންތަކުގައި ކުރާ މަސައްކަތްތަކަށް އެހެން ފަރާތަކުން ނަގަންޖެހޭ ހުއްދައެއް އޮތްނަމަ އެހުއްދައެއް ހޯދުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެއް ކަމަށް ބުނެފައި ވެއެވެ.
ކައުންސިލުން މިހާރު ވަނީ މި ބިންތައް ކުއްޔަށް ނަގާ ފަރާތްްތަކަށް ބިޑް ރަޖިސްޓްރީ ކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލާފަ އެވެ.
27 މާޗުވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންޖެހެއެވެ. އަދި، 28 މާޗު ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ކައުންސިލް އިދާރާއަށް ގޮސް ހުށަހެޅުމަށް ފުރުސަތު ދީފައި ވެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައިކަމަށް ކައުންސިލުން ބުނެފައި ވެއެވެ.