ސަރުކާރުގެ މަސް ކުންފުނި, މިފްކޯގެ ސީއީއޯ އަހްމަދު ޝާމާހް ރަޝީދު ސަސްޕެންޑް ކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ ސީއީއޯ މަގާމުން ވަގުތީގޮތުން އެކަހެރިކޮށްފައިވާ ކަމަށެވެ. އޭނާ ސަސްޕެންޑްކޮށްފައިވަނީ ކޯޕަރޭޓް ގަވަނެންސާއި ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހެޅި އެކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަޑާއި ޝަކުވާ ހުށަހެޅުމާއި، އަދި ފިޔަވަޅު އެޅުމާއި ބެހޭ އުސޫލުގެ ފަންސަވީސް ވަނަ މާއްދާގެ (ށ) ގެ އެއްވަނަ ނަމްބަރުގައިވާ ހާލަތައް ރިއާޔަތްކުރުމަށްފަހުގައި ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން ސާދަ ދުވަހުގެ މުއްދަތަށް މަގާމުގެ މަސްއޫލިއްޔަތު ތަކުން ވަގުތީ ގޮތުން އޭނާ އެކަހެރިކޮށްފައިވާ ކަމަށް ޕީސީބީ އިން ބުނެއެވެ.
މީގެ ކުރިންވެސް ޕީސީބީން ވަނީ މިފްކޯ ހިންގުުމުގައި ހުރި ގިނަ ކަންބޮޑުވުންތައް ފާހަނގަކޮށް އެކަން އިސްލާހު ކުރުމަށް މިފްކޯއަށް އަންގާފަ އެވެ. ޕީސީބީން ފާހަނގަކުރި ކަންތައްތަކުގެތެރޭގައި، ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައާއި ސިޔާސީ ބޭނުންތަކަށް ފާޅުކަންބޮޑު ގޮތެއްގައި ބޭނުންކުރުމާއި، ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒިފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި, ވަޒީފާގެ ބިރުދެއްކުމާއި, ދާއިމީ މަގާމްތަކުގައި ތިއްބެވި މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނާއި ޚިލާފުވާ ސަބަބެއްނެތި މަގާމާއި މުސާރަ ދަށްކުރުމާއި, ސަބަބެއް ނެތި އެހެން ޑިޕާޓްމަންޓްތަކަށާއި, ކުންފުނީގެ ސައިޓުތައް ހުންނަ ރަށްރަަށަށް ބަދަލުކުރުން ހިމެނެއެވެ.
މީގެ އިތުރުން، ކުންފުނީގެ މުވައްޒަފުން ނެގުމާއި ގުޅޭގޮތުން ހަދާފާއިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަޑާއި ޚިލާފަށް ސީއީއޯގެ އާއިލީ ގުޅުންހުރި ފަރާތްތަކަށާއި, ރައްޓެހިންނަށް ބަޖެޓް ހަމަޖެހިފައި ނުވަނީސް ވަޒީފާ ދިނުމާއި، ބެސްޓު ޕްރެކްޓިސްއާއި ގަވަރނަންސް އުސޫލުތަކާއި ޚިލާފަށް ހެޑް ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާއި ޚިލާފަށް, އެއްވެސް ޝަރުތަކަށް ބެލުމެއްނެތި, އާންމުކޮށް އިއުލާން ކުރުމަކާނުލާ, އިޖުރާތުތައް ފުރިހަމަނުކޮށް މުވައްޒަފުން ވެއްދުމާއި، ޕީސީބީގެ ހުއްދަ ހޯދުމަކާނުލާ, ކުންފުނީގެ މަގާމްތައް އުފައްދާ, އެމަގާމްތަކަށް މީހުން ވެއްދުމާއި، އުސޫލުތަކާއި ޚިލާފަށް, އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ނެތް ފަރާތްތައް ޑިޕާޓްމަންޓްތަކުގެ ވެރިންނަށް ލުންވެސް ފާހަނގަކޮށްފައި ވެއެވެ.