ރާއްޖޭގެ އެކި ސަރަަހައްދުތަކުން ގާ ހުދުވަމުން އަންނަކަން ފާހަގަ ކުރެވިފައިވާކަަމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް އިން ބުނެފި އެވެ.
އެއިދާރާއިން މިކަން ހާމަކޮށް ބުނެފައިވަނީ، ރާއްޖޭގެ ފަރުތައް ބަލަމުންދާއިރު ގާ ހުދުވުން ފާހަނގަވެއްޖެނަމަ ނުވަތަ އެއްވެސް އަލާމާތެއް ފެންނަނަމަ ކޮރަލް ޑޭޓާ ބޭސްއަށް އަންގައިދިނުމަށް އެދޭކަމަށެވެ. ރިޕޯޓޫކުރުމަށް އެދިފައިވަނީ އެ އެސެންޓަރުން އެކަމަށް ޚައްސަކޮށްގެން ހަދާފައިވާ ގޫގުލް ފޯމާއި ވެބްސައިޓް މެދުވެރިކޮށްނެވެ.
ރީޖަނަލް ބްލީޗިންގް ހީޓް ސްޓްރެސް މެޕުން ދައްކާ ގޮތުގައި، ގައު ހުދުވުމުގެ ގިންތިކުރާ މިންގަނޑުގައި މިހާރު ރާއްޖެ އޮތީ ”ވޮޗް“ ލެވެލްގައެވެ. އަދި ކުރިޔަށް އޮތް އެއްމަހުގެތެރޭގައި އިންޒާރުދޭ މިންގަޑަށް ދާނެކަމަށް ލަފާކޮށްފައިވާއިރު، ދެމަހުގެ ތެރޭގައި އެލާޓް ”ލެވެލް 1 ”އަށް އަރާނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެލާޓް ”ލެވެލް2″އަށް އަރާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
އާންމުކޮށް ރާއްޖޭގައި މިދުވަސްވަރާއި ދިމާކޮށް ގާހުދުވެއެވެ. މިހެން މިކަން ދިމާވަނީ މޫސުމީ ބަދަލުތަކާއި އަދި ދުނިޔޭ ހޫނުވުުން ކުރާ އަސަރުތަކުގެ ސަބަބުންނެވެ. އާންމުކޮށް ގާ ހުދުވަނީ ގަލުގައި ނުވަތަ މުރަކައިގެ ޓިޝޫގައި ދިރިއުޅޭ، ގަލަށް ދިރުން ގެނެސްދޭ ކުޑަކުޑަ ސޫތްޕެއް ކަމަށްވާ އަލްގީ ޒޫޒަންތެލީ ގަލުން ނުކުތުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުރަކައަށް ހުދުކަން ގެނުވަ އެވެ.
ދުނިޔޭގެ މޫސުމަށް ބަދަލު އައިސް ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މުރަކައިގެ ފަރުތައް ނާޒުކު ހާލަތަކަށް އަންނަމުންދާތީ ބައިނަލްއަގުވާމީ ފެންވަރުގައި ސައެންސްވެރިން ދަނީ މިކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.