back to top
30.2 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ވޮރަންޓް އޮފިސަރ ޢަލީ ޙާމިދުގެ އާއިލާއަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ޅ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް، ސިވެކްގެ ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރ 2، ޢަލީ ޙާމިދުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވަވައިފިއެވެ.

ވޮރަންޓް އޮފިސަރ 2، އަލީ ހާމިދުއަކީ އެ ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން އެކަކެވެ. ގެއްލުނު ދެމީހުން ހޯދުމަށް އެމްއެންޑީއެފްއިން ކަނޑުމަގުންނާއި ވައިގެމަގުން ކުރި މަސައްކަތުން، ވޮރަންޓް އޮފިސަރ 2، އަލީ ހާމިދު ފެނުނީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ޑައިވަރުންނަށެވެ. ވޮރަންޓް އޮފިސަރ 2، އަލީ ހާމިދު ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމުގައި، އެ ހޮސްޕިޓަލާ ހަވާލާދީ އެމްއެންޑީއެފްއިން ބުނެފައި ވެއެވެ. މި ހާދިސާގައި ދެން ގެއްލިފައިވަނީ ބިދޭސީއެކެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިހާދިސާގައި ވޮރަންޓް އޮފިސަރ 2، އަލީ ހާމިދު ނިޔާވުމާއި ގުޅިގެން މަރްހޫމްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. ސޯޝަލް މީޑިއާގައި ރައީސް ހިއްސާކުރެއްވި ޕޯސްޓެއްގައި ވޮރަންޓް އޮފިސަރ 2، އަލީ ހާމިދު، ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ޚިދުމަތްކުރައްވާފައިކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީވެސް ގައުމީ ޚިދުމަތަށްޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށްކަން ފާހަގަކުރައްވައި، އަލީ ހާމިދު ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ، މަރްޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ މެސެޖުގައި ވިދާޅުވެފައި ވެއެވެ.

”މި ހިތާމަވެރި ދަނޑިވަޅުގައި ޢާއިލާއާއި މުއައްސަސާއާއި އެކު މި ފުން ހިތާމައިގައި ބައިވެރިވެ، މަރުޙޫމުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލެއްވުމަށާއި ޢާއިލާއަށް ކެތްތެރިކަން އިތުރުކޮއްދެއްވުންއެދި ދުޢާ ކުރަން.“ ރައީސްގެ މެސެޖުގައި ވެއެވެ.

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަމުންދަނިކޮށް މިއަދު ހެނދުނު 10:30 ހާއިރު ބަންޑުންޖަހާލީ ސިވެކްގެ ”އެލްސީ 308“ ލޭންޑިންގ ކްރާފްޓެކެވެ. އެހާދިސާ ހިނގި ވަގުުތު އޭގަައި ދެ ސިފައިންނާއި ދިވެއްސެއްގެ އިތުރުން ތިން ބިދޭސީން ތިއްބެވެ. އޭގެން ދަތުރުކުރި މީހުންގެ ތެރެއިން 4 މީހަކަށް ޅ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.

މިލިޔުމާއި ގުޅޭ