މަސްވެރިންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ 14 މަސްވެރިއަކަށް މިހާތަނަށް ލޯނު ދޫކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް،(ބީއެމްއެލް)އިން ލޯނު ދޫކުރަން ފަށާފައިވާއިރު، މިހާތަނަށް ޖުމްލަ 38 މަސްވެރިން ލޯނަށް އެދި ހުށަހަޅާފައިވާކަމަށެވެ. އޭގެތެރެއިން 14 މަސްވެރިއަކަށް މިހާތަނަށް ލޯނު ދޫކޮށްފައިވާއިރު، 8 އެޕްލިކޭޝަނެއް މިހާރު ވަނީ ޕްރޮސެސިންގް މަރުހަލާގައިކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.
މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައި ލޯނު ލިބޭގޮތް ކަނޑައަޅާ ލޯނު ލިބޭނެ ގޮތް ފަހިކޮށްދީފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ. މި އައު އިންތިޒާމުގެ ދަށުން، އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި، ޕާސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު، އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތަކަށް ވާޞިލުވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އޭރު މިނިސްޓްރީން ބުންޏެވެ. އަދި، ޝަރުޠު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބޭނުންނުވެ 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިންގ ލިބޭނެކަމަށްވެސް ބުންޏެވެ.
މުޢައްސަސާތަކާއި، ބޭންކުތަކުންނާއި، މާލީ އިދާރާތަކުން ލިބިދޭ މާލީ އެހީތެރިކަން ނިޒާމީގޮތެއްގައި މަސްވެރިންނަށް ލިބޭނެގޮތް ހެދުމަށް ސަރުކާރުން ކުރަމުންގެންދާ އެންމެ ބޮޑު އެއް މަސައްކަތަކީ މަސްވެރިން ދަފުތަރުކުރުމުގެ މަސައްކަތްކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.ސްވެރިންގެ ޤައުމީ ދަފްތަރު އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެތެރޭގައެވެ.