ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެގޮތުން، ފިޝަރީޒް މިނިސްޓްރީން ބާއްވާ ”މޫދު ފެސްޓް“ މިއަދު މެންދުރު ހުޅުމާލެގައި އޮންނާނެއެވެ.
ޒުވާނުންނާއި ކުޑަކުދިންނަށް ކަނޑާއި، ކަނޑުގެ ވެށި ހިމާޔަތްކުރުމަށް ބާރުއެޅުމުގެ މަގުސަދުގައި ބާއްވާ ”މޫދު ފެސްޓް“ގެ ހަރަކާތްތައް ކުރިޔަށްދާނީ މިއަދު މެންދުރު 1 ފެށިގެން ހަވީރު 5 އާއި ހަމައަށް ހުޅުމާލޭ ފޭސް 1 ގެ ގޮނޑުދޮށުގައެވެ.
”މޫދު ފެސްޓް“ ފެށުމަށް ހަމަޖެހިފައިވަނީ ޑައިވް ސެންޓަރުތަކާއި ގުޅިގެން ކުރިއަށްގެންދާ ޑިސްކަވާ ޑައިވް ހަރަކާތުންނެވެ. އެއީ، އުމުރުން 8 އަހަރާއި 15 އަހަރާއި ދެމެދުގެ 40 ކުއްޖަކަށް ކަނޑުގެ ރީތިކަން ދައްކާލާ ކަނޑުގެ ދިރުންތަކުގެ މައުލޫމާތުދޭ ގޮތައް ހަމަޖެހިފައިވާ ފީނުމުގެ ހަރަކާތެކެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށް އެކިއެކި ކުޅިވަރުތައް ބޭއްވުމަށް ވެސް ވަނީ ރާވާފައެވެ. މިނިސްޓްރީން ވަނީ މި ހަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިވުމުގެ ފުރުސަތަށް ހުޅުވާލާފައެވެ.
”މޫދު ފެސްޓް“ ގެ އިތުރު ހަަރަކާތްތަކުގެ ތެރޭގައި ކަނޑުގެ މައުލޫމާތު ދިނުމަށް ޚާއްސަކޮށްގެން ސްޓޯލްތަކެއް ބެހެއްޓުމަށް ހަމަޖެހިފައި ވެއެވެ. އޭގެތެރޭގައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ވިޔަފާރިތަކާއި، ތިމާވެށި ދާއިރާގެ މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުގެ އިތުރުން ކާބޯތަކެތި ވިއްކާ ފަރާތްތައް ބައިވެރިވާނެކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިހަރަކާތުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އާއި ދައުލަތުގެ އިސްވެރީން ބައިވެރިވެވަޑައިގަންނަވާނެއެވެ.