މ. ކޮޅުފުށީ ރައްޔިތުންގެ މަސްދޯނިކަމަށްވާ ”ދުރުރާސްތާ-8“ ބީލަން އުސޫލުން ކުއްޔަށް ދިނުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.
85 ފޫޓް ބޮޑު މިނުގެ މި ދޯނި ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ކޮޅުފުށީ ކައުންސިލުން ހުޅުވާލީ މިއަދުއެވެ.
ކޮޅުފުށި ކައުންސިލުން ބުނީ، ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން 26 ޖޫންގެ މެންދުރު 14:00 ގެ ނިޔަލަށް ބީލަން ފޮތް ގަނެވޭނެކަމަށާއި، ބީލަން ފޮތެއްގެ އަގަކީ، 1000 ރުފިޔާ ކަމަށެވެ. އޭގެއިތުރަށް ބީލަން ސެކިއުރިޓީގެ ގޮތުގައި 20،000 ރުފިޔާ ދައްކަން ޖެހޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ދޯނި ކުއްޔަށް ހިފަން ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމާއި، އަންދާސީ ހިސާބު ހުޅުވުުން އޮންނާނީ 03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ދޯންޏާބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް، ރަސްމީ ގަޑީގައި ކައުންސިލް ނަންބަރު 6720606 އަށް ގުޅާލައިގެންް ނުވަތަ [email protected] އަާށް މެއިލްކޮށްލައިގެން މައުލޫމާތު ސާފުކޮށްލެވޭނެއެވެ.
މިއީ، މިދޯނި ކުއްޔަށްދޭން ކައުންސިލުން އިއުލާނުކުރި ދެވަނަ ފަހަރެވެ. އެންމެ ފަހުން އިއުލާނުކުރީ މިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ.