ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެގޮތުން، ފިޝަރީޒް މިނިސްޓްރީން ”މޫދު ފެސްޓް“ ގެ ނަމުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
ޒުވާނުންނާއި ކުޑަކުދިންނަށް ކަނޑާއި، ކަނޑުގެ ވެށި ހިމާޔަތްކުރުމަށް ބާރުއެޅުމުގެ މަގުސަދުގައި ބާއްވާ ”މޫދު ފެސްޓް“ގެ ހަރަކާތްތައް ކުރިޔަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 1 ފެށިގެން ހަވީރު 5 އާއި ހަމައަށް ހުޅުމާލޭ ފޭސް 1 ގެ ގޮނޑުދޮށުގައެވެ.
”މޫދު ފެސްޓް“ ފެށުމަށް ހަމަޖެހިފައިވަނީ ޑައިވް ސެންޓަރުތަކާއި ގުޅިގެން ކުރިއަށްގެންދާ ޑިސްކަވާ ޑައިވް ހަރަކާތުންނެވެ. ”ޑިސްކަވަރ ޑައިވް“ ހަރަކާތަކީ، އުމުރުން 8 އަހަރާއި 15 އަހަރާއި ދެމެދުގެ 40 ކުއްޖަކަށް ފީނުން ތަޖުރިބާކޮށްލުމުގެ މަގުސަދުގައި ހިންގޭ ހަރަކާތެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ. މިހަރަކާތް ރާވާފައިވަނީ އެކުދިންނަށް ކަނޑުގެ ރީތިކަން ދައްކާލާ ކަނޑުގެ ދިރުންތަކުގެ މައުލޫމާތު ދެވޭނެގޮތަށެވެ.
”މޫދު ފެސްޓް“ ގެ އިތުރު ހަަރަކާތްތަކުގެ ތެރޭގައި ކަނޑުގެ މައުލޫމާތު ދިނުމަށް ޚާއްސަކޮށްގެން ސްޓޯލްތަކެއް ބެހެއްޓުމަށް ހަމަޖެހިފައި ވެއެވެ. މި ހަރަކާތުގައި ކުޑަކުދިންނާ އަދި އާއިލާތަކަށް ކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިން ކުރިއަށްދެވޭނެ ފުރުސަތު ހޯދައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށް އެކިއެކި ކުޅިވަރުތައް ބޭއްވުމަށް ވެސް ވަނީ ރާވާފައެވެ. މިނިސްޓްރީން ވަނީ މި ހަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިވުމުގެ ފުރުސަތަށް ހުޅުވާލާފައެވެ.
”މޫދު ފެސްޓް“ގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި ދައުލަތުގެ އިސްވެރީން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ފެސްޓިވަލްގައި މިނިސްޓްރީއާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ވިޔަފާރިތަކާއި، ތިމާވެށި ދާއިރާގެ މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުގެ އިތުރުން ކާބޯތަކެތި ވިއްކާ ފަރާތްތައް ބައިވެރިވާނެކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއެވެ. މި ހަރަކާތުގެ ބައިވެރިންނަށް އިނާމު ދޭގޮތަށް ހަމަޖެހިފައިވާއިރު، ހަރަކާތް ކުރިޔަށްގެންދިއުމަށް އެކިގޮތްގޮތުން އެހީތެރިވެދެއްވާ ފަރާތްތަކަށް ހަނދާނީ ސެޓްފިކެޓް ދޭން ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.