އައިއައިޓީއީ މެރިޓައިމް އެކެޑަމީ އިން ހިންގާ ނިޔަމިކަމުގެ ސެޓިފިކެޓް-2 ގެ ބެޗެއް މާލެ ސިޓީގައި ފަށައިފި އެވެ.
އެ އެކެޑަމީގެ މާލޭ ކެމްޕަހުގައި ކުރިޔަށްގެންދާ މި ކޯހުގައި އެކި އުމުރުފުރާތަކުގެ ޖުމްލަ 11 ފަރާތަކުން ބައިވެރިވެފައި ވެއެވެ. މި ކޯހަކީ، އައިއައިޓީއީ މެރިޓައިމް އެކެޑަމީ އިން ކުރިޔަށް ގެންދާ ނިޔަމިކަމުގެ ސެޓިފިކެޓް-2 ގެ 563 ވަނަ ބެޗެވެ. މިއަދު ފެށި މި ބެޗުގެ ކިޔެވުން ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިޔަށްދާނެކަމަށް އެ އެކެޑަމީން ބުންޏެވެ.
ނިޔަމި ކޯސް-2އަކީ، ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން 24 މޭލާ ހަމަޔަށް ދަތުރުކުރެވޭ ކެޓެގަރީ-B ގެ އުޅަނދުތަކުގެ ކެޕްޓަންުކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ ކޯހެކެވެ. މިކޯހުގައި ނެވިގޭޝަން، ކޮމިއުނިކޭޝަން، އަދި އާންމު ދޯނިތަކުގެ މައުލާމާތު ހިމެނޭ ބައިތައް އުނގަންނައިދެއެވެ.
އައިއައިޓީއީ މެރިޓައިމް އެކެޑަމީއަކީ ރާއްޖޭގައި މެރިޓައިމް ކޯސްތައް ހިންގާތާ އެންމެ ގިނަ ދުވަސްވީ އެކެޑަމީއެވެ. އެތަނުން އާންމުކޮށް ހިންގާ ކޯސްތަކުގެ ތެރޭގައި، ފަޅުވެރިންގެ ކޯސް، މެކޭނިކް ކޯސް، ނިޔަމިކަމުގެ ސެޓިފިކެޓް-1 އަދި ނިޔަމިކަމުގެ ސެޓިފިކެޓް-2 ހިމެނެއެވެ. ކޮންމެ އަހަރަކުވެސް މާލެއާއި އަތޮޅުތެރޭގައި މީގެ އެކި ބެޗުތައް ހިންގަމުންދެއެވެ. ނިޔަމިކަމުގެ ސެޓިފިކެޓް-2 ގެ 562 ވަނަ ބެޗު ކުރިޔަށް ގެންދިޔައީ އައްޑޫ ސިޓީ މީދޫގައެވެ.