ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަގަކުރުމަށް ފިޝަރީޒް މިނިސްޓްރީން ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން 40 ކުއްޖަކަށް ފީނުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް މިނިސްޓްރީން ނިންމައިފި އެވެ.
މިނިސްޓްރީން ”ޑިސްކަވަރ ޑައިވް“ ގެ ނަމުގައި މި ހަރަކާތް ބާއްވަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 02:00ގައެވެ. ހުޅުމާލެ ދިރާގު ދިމާލުން ނިކުމެވޭ މޫދު ސަރަހައްދުގައި ކުރިޔަށް ގެންދާ މި ހަރަކާތުގައި ނަން ނޯޓްކުރުމުގެ ފުރުސަތު އަންގާރަދުވަހުގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ.
8 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށް ޑައިވްގައި ބައިވެރިވެވޭގޮތައް އާންމުކޮށް ހުޅުވާލާފައިވާއިރު، އެކަމަށް ކަނޑައަޅާފައިވާ ގޫގުލް ފޯމް ފުރާލައިގެން މި ހަރަކާތުގައި ބައިވެރިވެވޭނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. ފުރުސަތު ދޭނީ ނަން ނޯޓްކުރާ ކުދިންގެތެރެއިން 40 ކުއްޖަކަށް ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ގެންދަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 10 ދުވަހުގެ ކުއިޒް އެއްވެސް ފަށާފައެވެ. ކަނޑުތަކުގެ ދުވަހުގެގޮތުގައި ފާހަގަކުރަމުން އަންނަ ޖޫން މަހުގެ 7ވަނަ ދުވަހު މިކުއިޒް ފަށާފައިވާއިރު، މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުއިޒް ކުރިޔަށްދާނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 ގައި މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ދަނީ 2 ސުވާލެއް ޕޯސްޓްކުރަމުންނެވެ.
މިކުއިޒްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ ސުވާލުތަކަށް، އެދުވަހެއްގެ މެންދަމު 12:00 ގެ ކުރިން، ޖަވާބު ކޮމެންޓެއްގެ ގޮތުގައި ޕޯސްޓްކުރުމަށް މިނިސްޓްރީން އެދިފައި ވެއެވެ. ކުއިޒްގައި ބައިވެރިވާ ފަރާްތްތަކަށް ފިޝަރީޒް މިނިސްޓްރީން ވަނީ ފައިސާގެ އިނާމުތަކެއް ހުށަހަޅާފަ އެވެ. އެގޮތުން އެއްވަނައަށް 1،000ރ، ދެވަނަޔަށް 750ރ އަދި ތިންވަނަޔަށް 500ރ ގެ އިނާމެއް ހުށަހަޅާފައިވެއެވެ.