ކުދި ފަންތީގެ މަސްވެރިކަން ތަރައްޤީކުރުމާއި އެ މަސްވެރިކަމަށް އިންވެސްޓްކުރުމާ ގުޅޭ ގޮތުން ބައިނަލްއަޤްވާމީ މައިދާންތަކުގައި އަޑުއުފުލަންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، ދެމެހެއްޓެނިވިގޮތެއްގައި ކުދި ފަންތީގެ މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތައް ހިއްސާ ކުރުމަށާއި ކުދިފަންތީގެ މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތައް ބާރުވެރިކުރުވުމަށް ކުރެވިދާނެ ކަންކަމާގުޅޭ ޚާއްޞަ ސެޝަނެއްގައެވެ. މި ބައްދަލުވުމަކީ، ދިވެހިރާއްޖެއިން އިސް ނަގައިގެން ޔުނައިޓެޑް ނޭޝަން އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި ބޭއްވެވި ސެޝަނެެކެވެ.
މި ސެޝަންގައި ސަރުކާރުތަކުންނާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފަރާތްތަކުން ދެމެހެއްޓެނިވި ގޮތެއްގައި ކުދި ފަންތީގެ މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ކޭސް ސްޓަޑީސްތައް ހިއްސާކޮށްފައިވެއެވެ. އަދި މި ތަޖުރިބާގެ އަލީގައި، އެހެން ޤައުމުތަކަށް ވެސް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.

މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ ކުދި ފަންތީގެ މަސްވެރިކަން ތަރައްޤީކުރުމާއި އެ މަސްވެރިކަމަށް އިންވެސްޓްކުރުމާ ގުޅޭ ގޮތުން ބައިނަލްއަޤްވާމީ މައިދާންތަކުގައި އަޑުއުފުލަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް ކުދިފަންތީގެ މަސްވެރިކަމުގެ ވާހަކަ އަންނަނީ ބައިނަލްއަޤްވާމީ މިފަދަ މަޝްވަރާތަކުގެ ހަވާސާގައި ކަމަށާއި، ކުދިފަންތީގެ މަސްވެރިކަން ކުރާ ފަރާތްތައް ތިބީ ސިޔާސަތުތަކާއި އިންވެސްޓްމަންޓާއި، އިނޮވޭޝަންގެ މާ ފަހަތުގައިކަން ފާހަގަ ކުރައްވައި، ވަޒީރު ވިދާޅުވީ މިކަން ބަދަލުވާން ޖެހޭ ކަމަށެވެ. އަދި ސައިންސާއި ޓެކްނޮލޮޖީގެ އަލީގައި މި މަސްވެރިކަން ތަރައްޤީކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށްވެސް ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިންޑޮނޭޝިއާގެ ޑިރެކްޓަރ ޖެނެރަލް އޮފް ކެޕްޗަރ ފިޝަރީޒް ލަޠީފް ވަނީ އަވައްޓެރި އިންޑޮނޭޝިއާގައި މަސްވެރިކަން ކުރަމުން އަންނަ ގޮތް ހިއްސާކުރައްވާފައެވެ. އަދި އެ ޤައުމުން ކޯޓާ ބަހައިގެން މަސްވެރިކަން ކުރާ ގޮތާއި، މަސްލަހަތުވެރިންގެ ބައިވެރިވުން އިތުރުކޮށްގެން އަދި ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން ނޫ އިޤްތިޞާދު ކުރިއަރުވަމުންދާ ގޮތް ލަތީފް ހިއްސާ ކުރައްވާފައިވެއެވެ. އަދި އެކަން ކުރެވެމުންދަނީ ސައިންސްގެ އަލީގައިކަމަށާއި، ދެފުށް ފެންނަ ވަރުގަދަ ނިޒާމުތަކެއްގެ މައްޗަށް ބިނާކޮށްކަމަށް އޭނާ ވިދާޅުވި އެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޙުސައިން ސިނާން ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގުމުގައި ދައުލަތުން ކުރަމުންގެންދާ މަސައްކަތްތަކަށް މި ސެޝަންގައި އަލިއަޅުއްވާލައްވައިފައިވެއެވެ. އަދި މި މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ދެމެހެއްޓެނިވި މަސްވެރިކަމުގެ އުސޫލުތަކަށާއި ހަމަހަމަކަމަށް އިސްކަންދޭ މިންވަރު ޑރ. ސިނާންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މަހުގެ ބައިނަލްއަޤްވާމީ މާކެޓްތަކަށް ވަނުމުގެ ފުރުސަތުތައް ފަހިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ކުދި ފަންތީގެ މަސްވެރިކަމުން ލިބޭ ނަފާ މުޅި މުޖުތަމަޢަށް ބެހިގެންދާނެ ފަދަ ގޮތަކަށް މަސްވެރިކަން މެނޭޖްކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ތަފާސް ހިސާބުގެ މުހިންމުކަން ފާހަގަކުރައްވަމުން، ޑރ. ސިނާނު ވިދާޅުވީ 1950 ގެ އަހަރުތަކުން ފެށިގެން ދިވެހިރާއްޖޭގައި އެއްކޮށް، ބަލަހައްޓަމުން އަންނަ މަސްވެރިކަމުގެ ތަފާސް ހިސާބު ޑިޖިޓައިޒް ކުރުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އަދި މި މިކަމަކީ ދިވެހިރާއްޖޭގައި ޒިންމާދާރު ގޮތެއްގައި ކުރެވޭ ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށްޓަކައި އެޅޭ މުހިއްމު ފިޔަވަޅެއްކަން ޑރ. ސިނާން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެރިން ބައޮލޮޖިސްޓެއް ކަމަށްވާ ޑރ. ލިލިއަން ޖޭ. އިބެންގްވެ ޓެންޒޭނިއާގެ ކުދިފަންތީގެ މަސްވެރިކަމުގެ ތަޖުރިބާ ހިއްސާކުރައްވާފައިވެއެވެ. ޓެންޒޭނިއާއަކީ ދުނިޔޭގައި އެންމެ ފުރަތަމަ ކުދި މަސްވެރިކަމަށް ޤައުމީ ޢަމަލީ ޕްލޭނެއް (ނެޝަނަލް ޕްލޭން އޮފް އެކްޝަން) އެކުލަވާލި ޤައުމެވެ. މި ޕްލޭންގެ ސަބަބުން މަސްވެރިކަމުގެ ސިޔާސަތު އެކުލަވާލުމުގައްޔާއި މަސްވެރިކަން ބެލެހެއްޓުމުގައި މަސްލަހަތުވެރިންގެ ބައިވެރިވުން ޔަޤީންކުރެވި، އެފަރާތްތައް ބާރުވެރިކުރެވޭކަން ޑރ. ލިލިއަން ފާހަގަކުރެއްވިއެވެ. އަދި ކާބޯތަކެތީގެ ޖަމުޢިއްޔާ، އެފް.އޯ.އިން ތައްޔާރުކޮށްފައިވާ ސްމޯލް-ސްކޭލް ފިޝަރީޒް ގައިޑްލައިންތައް ފުރިހަމައަށް ތަންފީޒުކުރުމަށް އެ ޕްލޭން ބާރަކަށްވާކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއިން އިސްނަގައިގެން ބޭއްވި މި ބައްދަލުވުމުގައި ޤައުމުތަކުގެ އިތުރުން ސަރަޙައްދީ ޖަމުޢިއްޔާތަކުންވެސް ބައިވެރިވެފައިވެއެވެ. މިގޮތުން ބޭ އޮފް ބެންގޯލް ޕްރޮގްރާމް – އިންޓަރގަވަރމެންޓަލް އޯގަނައިޒޭޝަން (ބީއޯބީޕީ-އައިޖީއޯ) ގެ ޑިރެކްޓަރ، ޑރ. ކްރިޝްނަން، ސަރަޙައްދީ ފެންވަރުގައި ކުދިފަންތީގެ މަސްވެރިކަން ތަރައްޤީކޮށް ބާރުވެރިކުރުމަށް ކުރެވިދާނެ ކަންކަން ހިއްސާކުރެއްވިއެވެ. އަދި ބީއޯބީޕީ-އައިޖީއޯގެ އެންމެހައި މެންބަރު ޤައުމުތަކުގައި ކުދި ފަންތީގެ މަސްވެރިކަމަށް ޤައުމީ ޢަމަލީ ޕްލޭންތައް އެކުލަވާލުމަށް އެހީތެރިވެދޭނެ ކަމަށް އިޢުލާންކުރެއްވިއެވެ.

ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމުޢިއްޔާގެ ގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް، ޑރ. މެނުއެލް ބަރަންޖް ވެސް މި ސެޝަންގައި ވާހަކަފުޅު ދައްކަވައިފައިވެއެވެ. ބަރަންޖްގެ ވާހަކަފުޅުގައި މަސްވެރި މުޖުތަމަޢުތަކުގެ ކުރިއެރުމަށާއި ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި އެފްއޭއޯއިން އެކުލަވައިލައިފައިވާ ވަސީލަތްތަކަށް އަލިއަޅުވާލެއްވިއެވެ. އަދި ކުދިފަންތީގެ މަސްވެރިކަމަށް ޤައުމީ ޢަމަލީ ޕްލޭންތައް އެކުލަވާލުމަށް ބީއޯބީޕީ-އައިޖީއޯ އިން ކުރައްވާ މަސައްކަތްތަކަށް އެފްއޭއޯގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.