ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކުރަމުންދާ މަސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމުގައި ރާއްޖެއިން ނަމޫނާ ދައްކާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިހާރު ފްރާންސްގެ ނީސްގައި ކުރިޔަށްދާ ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި އެންވަޔަރަމަންޓަލް ޖަސްޓިސް ފައުންޑޭޝަން (އީޖޭއެފް) އިން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ބައިނަލްއަގުވާމީ އޮނިގަނޑުތައް ކާމިޔާބު ކުރެވޭނީ ބާރުގަދަ ގައުމުތަކުގެ ތާއީދު ލިބިގެން ކަމަށާ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކުރާ މަސްވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން ނަމޫނާ ދައްކާނެ ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ރާއްޖޭގެ މަސްވެރިކަން ޑިޖިޓަލައިޒްކޮށް ބަދަލުކުރުމަށް ރާއްޖެއިން ގިނަ ފިޔަވަޅުތަކެއް އަޅަމުންގެންދާކަން ފާހަގަކުރެއްވިއެވެ. އޭގެދަށުން، އުޅަނދުފަހަރުގެ މިލްކުވެރިކަމުގެ މައުލޫމާތު ފުރިހަމައަށް ބެލެހެއްޓޭނެ ގޮތާއި، ހާމަކަން ބޮޑުގޮތެއްގައި އުޅަނދުގެ ވެރިފަރާތުގެ މައުލޫމާތު އާންމުންނަށް ލިބޭނެ ގޮތް ކަށަވަރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. އިތުބާރު ކުރެވޭ، އަދި ރަނގަޅަށް ބެލެހެއްޓޭ ޑޭޓާއަކީ އަޅުގަނޑުމެން އަތުގައި ހުރި އެންމެ ވަރުގަދަ ވަސީލަތްކަމަށާ އެއީ ގާނޫނުތައް ތަންފީޒުކުރުމަށާއި، ހުރިހާ ސްޓޭކްހޯލްޑަރުންގެ މެދުގައި އިތުބާރު އުފެއްދުމަށް ވެސް އޮތް ވަސީލަތެއްކަމުގައި މިނިސްޓަރު ބަޔާންކުރައްވާފައި ވެއެވެ.
މީގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މަސްވެރިކަމުގެ ތަސައްވުރާ އެއްގޮތަށް، މި އަހަރު ނިމޭއިރު މުޅި މަސްވެރިކަމުގެ ”ވެލިއު ޗެއިން“ ފުރިހަމައަށް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.