ކެޔޮޅުންގެ ލޮބީން އިންތިޒާމުކޮށްގެން ބާއްވާ ”މޯލްޑިވްސް ޓުނާ ރޭސް 2025“ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރާއްޖޭގައި ދޮށީ މަސްވެރިކަމުގައި ހަރަކާތްތެރިވަމުން އަންނަ އޮޑިފަހަރުތަކަށް ޚާއްސަކޮށްގެން އަންނަ ޑިސެންބަރު މަހުގެ 5-6 އަށް ކުރިޔަށްގެންދާ މި ރޭހަކީ، ކެޔޮޅުންގެ ލޮބީގެ އަހަރީ ދުވަހާއި، މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެގޮތުން ކުރިޔަށްގެންދާ ހަރަކާތެކެވެ. ކޮންމެ އަހަރަކުވެސް ޚާއްސަ އިނާމުތަކަކާއެކު މި ރޭސް ކުރިޔަށްގެންދަން ރާވާފައިވާކަމަށް ކެޔޮޅުންގެ ލޮބީން ބުންޏެވެ.
24 ގަޑީއިރުގެ މި ރޭހަކީ، ދޮށީ މަސްވެރި އާއިލާގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހިކޮށް އެއްބައިވަންތަކަމުގެ ރޫހެއް އުފެއްދުމަށާއި، ޒުވާނުން ދޮށީ މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށާއި، ދޮށީ މަސްވެރިކަން ޕްރޮމޯޓްކޮށް، އާންމުންގެ މެދުގައި މި ސިނާއަތައް އޮންނަ ލޯބި އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެއްކަމަށް ކެޔޮޅުންގެ ލޮބީން ބުންޏެވެ.
ކެޔޮޅުންގެ ލޮބީން މިރޭވަނީ ”މޯލްޑިވްސް ޓޫނާ ރޭސް 2025″ގައި ބައިވެރިވާން ޝައުގުވެރިވާ އޮޑިފަހަރަށް، ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައެވެ. ރޭހުގައި ރަޖިސްޓްރީކުރުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ 16:00 އެވެ. ރޭހުގައި ބައިވެރިވާން ބޭނުންވާ އޮޑިފަހަރުން، ރޭހަށް ކަނޑައަޅާފައިވާ ފޯމް ފުރުމަށްފަހު ލޮބީގެ އިދާރާއަށް ހުށަހެޅިދާނެއެވެ. ނުވަތަ އެ ޖަމްއިއްޔާގެ މެއިލް މެދުވެރިކޮށްވެސް ފޯމް ހުށަހެޅިދާނެކަމަށް ލޮބީން ބުންޏެވެ. ރޭހުގައި ބައިވެރިވެވޭނީ ގައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ އަދި މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ އޮޑިފަހަރަށެވެ.
ރޭހަށް ރަޖިސްޓްރީވާ ލިންކް: https://forms.gle/ghg9n7cHWYVh6XJD9
ކެޔޮޅުންގެ ލޮބީގެ މެއިލް އެޑްރެސް: [email protected]
ދޮށީ މަސްވެރިކަމަށް ނިކުންނަން މީހުން ޝައުގުވެރިކުރުވުމަށާއި، ރޭހުގެ ފޯރި ގަދަކުރުމުގެ ގޮތުން މަސްރޭހުގައި ވަނަވަނައަށް ހޮވޭ އޮޑިފަހަރަށް ފައިސާގެ ބޮޑެތި އިނާމުތައް ހުށަހަޅާފައިވާކަމަށް ލޮބީންބުންޏެވެ.
މަސްރޭހުގެ ވަނަތަކާއި އިނާމުތައް:
- މަސްރޭހުން 1 ވަނަ، އެންމެ މަތިން ކިލޯކިރާ އޮޑިއަކަށް 100،000 ރުފިޔާ
- މަސްރޭހުން 2 ވަނަ، އެންމެ މަތިން ކިލޯ ކިރާ އޮޑިއަކަށް 50،000 ރުފިޔާ
- މަސްރޭހުން 3 ވަނަ އެންމެ މަތިން ކިލޯ ކިރާ އޮޑިއަކަށް 25،000 ރުފިޔާ
- މަސް ރޭހުގައި ބައިވެރިވާ އޮޑިތަކުގެ ތެރެއިން އެންމެ ކުރިން ރޭސް ނިންމާ އޮޑިއަކަށް 5،000ރުފިޔާ
ކެޔޮޅުންގެ ލޮބީން ބުނީ، ދޮށީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ވީހާވެސް ގިނަ އޮޑިފަހަރުތައް މި ރޭހުގައި ބައިވެރިވުމަށް އެދޭކަމަށެވެ.