back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ޔޫއެން އޯޝަން ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ

ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސްގެ ތިން ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިއަދު ފްރާންސްގެ ނީސްގައި ފެށި މި ކޮންފަރެންސްގައި ބައިވެރިވަޑައިގެންނެވި ރާއްޖޭގެ ވަފްދުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް، އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިގް އިބްރާހިމް އަދި ފިޝަރީޒް މިނިސްޓްރީއާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މި ބޭފުޅުންވަނީ މިއަދު ބޭއްވި ކޮންފަރެންސްގެ އިފްތިތާހީ ސެޝަންގައި ބައިވެރިވަޑައިގެންފައެވެ. މި ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވަޑައިގަންނަވާ ވަފްދުގެ އިސް ބޭފުޅެއްގެގޮތުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ދިވެހި ސަރުކާރުން ފާހަގަކުރާގޮތުގައި، މި ކޮންފަރެންސަކީ ދުނިޔޭގެ މުސްތަޤްބަލަށް ވަރަށް މުހިންމު ދަނޑިވަޅެއްގައި ބޭއްވޭ ކޮންފަރެންސެކެވެ. އަދި މިއީ، ކަނޑުތަކާއި އޭގެ ވަސީލަތްތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަކީ ރާއްޖެ ފަދަކުދި ޖަޒީރާ ޤައުމުތަކުގެ މުސްތަޤްބަލަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. މި ކޮންފަރެންސާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ، ކަނޑުތަކަށް ނުރައްކާވާ ކަންކަން ނައްތާލުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.

”މި ކޮންފަރެންސްގައި ބައިވެރިވާ ހުރިހާ މަންދޫބުންނާއެކު މަސައްކަތްކޮށް، އަޅުގަނޑުމެންގެ ކަނޑުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރެވޭނެކަމަށް އުންމީދުކުރަން،“ މިނިސްޓަރ ވިދާޅުވިއެވެ.

މި ކޮންފަރެންސާ ގުޅޭގޮތުން އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިގް އިބްރާހިމް ވިދާޅުވީ، ރާއްޖެއަކީ 99 އިންސައްތަ ކަނޑުން އެކުލެވިފައިވާ ޤައުމަކަށްވުމާއެކު، މި ކޮންފަރެންސްގެ ނަތީޖާ ރާއްޖެއަށް ވަރަށް މުހިންމުވާނެ ކަމަށެވެ. އަދި ކޮންފަރެންސްގައި ރާއްޖޭގެ އަޑު އުފުލައި، ކަނޑުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޖޫން 9 އިން 13 އަށް ފްރާންސްގެ ނީސްގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އޯޝަންސްގެ ތިންވަނަ ކޮންފަރެންސްގައި ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް ކުރާ އަސަރު ކުޑަކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް ބެލެވެއެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ 120 ގައުމަކުން ބައިވެރިވެފައިވާއިރު، ދުނިޔޭގެ 50 އަށްވުރެ ގިނަ ލީޑަރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ސައިންސްވެރިންނާއި، ތިމާވެއްޓާއި ކަނޑުގެ ހިމާޔަތައް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކާއި، އިންވެސްޓަރުން ބައިވެރިވެއެވެ.

މި ކޮންފަރެންސްގައި ހަވާސާގައި ދިވެހިރާއްޖެއިން އިސްނަގައިގެން ޚާއްޞަ ސެޝަނެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މިސެޝަންގައި، ރާއްޖެ ފަދަ ޤައުމުތަކުގައި ކުރާ ކުދި ފަންތީގެ މަސްވެރިކަމަކީވެސް ރާވައި، ހިންގައި، ބެލެހެއްޓޭ ނިޒާމެއްގެ ތެރެއިން ދެމެހެއްޓެނިވިގޮތެއްގައި ތަރައްގީކުރެވޭ މަސްވެރިކަމެއްކަން ޔަގީންކުރުމަށްޓަކައި ގައުމީ ފެންވަރުގައާއި، ބައިނަލްއަގުވާމީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން ދާއިރާގެ ފަންނީ ބޭފުޅުންގެ ހުށަހެޅުންތަކާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ޚިޔާލުބަދަލުކުރެވިގެން ދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.

މިލިޔުމާއި ގުޅޭ