back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ކެޔޮޅުންގެ ލޮބީން ދޮށީ މަސްވެރިންނަށް ޚާއްސަ މަސްރޭހެއް ބާއްވަނީ

ރާއްޖޭގައި ދޮށީ މަސްވެރިކަމުގައި ހަރަކާތްތެރިވަމުން އަންނަ އޮޑިފަހަރުތަކަށް އާންމުކޮށް ހުޅުވާލައިގެން މަސް ރޭހެއް ބާއްވަން ކެޔޮޅުންގެ ލޮބީން ނިންމައިފި އެވެ.

ކެޔޮޅުންގެ ލޮބީން ބުނީ އެ ޖަމްއިއްޔާގެ އަހަރީ ދުވަހާއި، މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެގޮތުން ”މޯލްޑިވްސް ޓޫނާ ރޭސް 2025“ ގެ ނަމުގައި ބާއްވާ މި ރޭސް އޮންނާނީ އަންނަ ޑިސެންބަރު މަހުގެ ފަސްވަނަ ދުވަހު ކަމަށެވެ. 24 ގަޑީއިރުގެ މި ރޭހަކީ، ދޮށީ މަސްވެރި އާއިލާގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހިކޮށް އެއްބައިވަންތަކަމުގެ ރޫހެއް އުފެއްދުމަށާއި، ޒުވާނުން ދޮށީ މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށާއި، ދޮށީ މަސްވެރިކަން ޕްރޮމޯޓްކޮށް، އާންމުންގެ މެދުގައި މި ސިނާއަތައް އޮންނަ ލޯބި އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެއްކަމަށް ކެޔޮޅުންގެ ލޮބީން ބުންޏެވެ.

”މަލްޓި ޕާޓީ ސިސްޓަމާއެކުގައި މަސްވެރިންގެ މެދުގައިވެސް މިހާރު މިއޮތީ ސިޔާސީ ވާދަވެރިކަމެއް އުފެދި، އެއްބައިވަންތަކަން ގެއްލިފަ. އަދި މަސްވެރިކަން ކުރަމުން އައި އެތަކެއް ޒުވާނުންނަށް ސަރުކާރުތަކުން އެއްގަމު ވަޒީފާ ދިނުމުން، މަސްވެރިކަމުގައި އުޅުނު ޒުވާނުން މިވަނީ މަސްވެރިކަމާ ދުރަށްގޮއްސަ. ފަޅުވެރިން ހަމަނުވެގެން އޮޑިފަހަރުތައް ފަޅުގައި އަޅާ ހިސާބަށް އެބައާދޭ. އެހެންވީމަ މިރޭހުގެ މައިގަނޑު އެއް މަގްސަދަކީ، ޒުވާނުން ދޮށީ މަސްވެރިކަމަށް ޝައުގުވެރިކުރުވައި، މަސްވެރިކަމާ ދުރަށް ދިޔަ ޒުވާނުން އަނބުރާ ގެނައުން. އަދި މަސްވެރިންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެއްބައިވަންތަކަމުގެ ރޫހު ދިރުވުން.“ ކެޔޮޅުންގެ ލޮބީގެ ރައީސް ޝަފްގާ ޝަފީގް ވިދާޅުވިއެވެ.

ޝަފްގާ ވިދާޅުވީ، ފިޝަރީޒް މިނިސްޓްރީން ދޫކުރާ މަސްވެރިކަމުގެ ލައިސަންސް އޮންނަ އަދި ގައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވެގެން ދޮށީ މަސްވެރިކަންކުރަމުން އަންނަ ކޮންމެ އޮޑިއަކަށްވެސް މިމަސްރޭހުގައި ބައިވެރިވެވޭނެކަމަށެވެ. މި މަސްރޭސް ބާއްވަން ރާވަމުން ދަނީ، ރާއްޖޭގެ ދޮށީ މަސްވެރިންގެ ހަބް  އަދި އެންމެ ގިނައިން މަސް ލޭންޑްކުރާ މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ) ގައިކަމަށް ޝަފްގާ ވިދާޅުވިއެވެ. އެހެންކަމުން، ރޭހުގައި ވަނަ ކަނޑައަޅާނީ ކޮމާޝަލީ މިހާރުވެސް ދޮށީ މަސްވެރިން މަސްކިރަމުން އަންނަ އުސޫލާ އެއްގޮތްވާގޮތުގެމަތީން މަހުގެ ބަރުދަން ބަލައިގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަސްރޭހުގައި ވަނަވަނައަށް ހޮވޭ އޮޑިފަހަރަށް ފައިސާގެ ބޮޑެތި އިނާމުތައް ހުށަހަޅާފައިވެއެވެ. އެއީ، ދޮށީމަސްވެރިކަމަށް ނިކުންނަން މީހުން ޝައުގުވެރިކުރުވުމުގެ ބޭނުމުގައިކަމަށް ލޮބީންބުންޏެވެ.

މަސްރޭހުގައި ހޮވުމަށް ކަނޑައަޅާފައިވާ ވަނަތަކާއި އިނާމުތައް:

  • މަސްރޭހުން 1 ވަނަ، އެންމެ މަތިން ކިލޯކިރާ އޮޑިއަކަށް 100،000 ރުފިޔާ
  • މަސްރޭހުން 2 ވަނަ، އެންމެ މަތިން ކިލޯ ކިރާ އޮޑިއަކަށް 50،000 ރުފިޔާ
  • މަސްރޭހުން 3 ވަނަ އެންމެ މަތިން ކިލޯ ކިރާ އޮޑިއަކަށް 25،000 ރުފިޔާ
  • މަސް ރޭހުގައި ބައިވެރިވާ އޮޑިތަކުގެ ތެރެއިން އެންމެ ކުރިން ރޭސް ނިންމާ އޮޑިއަކަށް 5،000ރުފިޔާ

ކެޔޮޅުންގެ ލޮބީން ބުނީ، ”މޯލްޑިވްސް ޓޫނާ ރޭސް 2025″ގައި ބައިވެރިވާން ޝައުގުވެރިވާ އޮޑިފަހަރަށް، ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ އާންމުކޮށް ހުޅުވާލާނެކަމަށެވެ.

މިލިޔުމާއި ގުޅޭ