back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ކަނޑުން ލިބޭ ނަފާ އިތުރުކުރުމަށް ގުޅިފައިވާ ސިނާޢަތްތައް ސިންދަފާތުކުރަންޖެހޭ: މިނިސްޓަރު ޝިޔާމް

ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމުގައި ނޫ އިޤްތިޞާދު އެއީ ނާރެހެއްކަމުގައި ބަލައި ކަނޑުން ލިބޭ ނަފާ އިތުރުކުރުމަށް ގުޅިފައިވާ ސިނާޢަތްތައް ސިންދަފާތުކުރަންޖެހޭކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބެއްގައެވެ. ވަޒީރުގެ ޚިޠާބުގައި، ޒަމާނުއްސުރެ ދިވެހިންނަކީ ކަނޑުގެ ވެއްޓާއި ރަށްޓެހި ކަނޑުރޯދި ހޯދުމަށް ކަނޑުގެ ވަސީލަތް ހެޔޮގޮތުގައި ބޭނުންކުރުމަށް ހާއްސަ ސަމާލުކަމެއް ދޭ ބައެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި، ރާއްޖޭގެ މަސްވެރިކަމަށް ބަލާލިޔަސް ތިމާވެއްޓާ ރައްޓެހި ގޮތުގައި ކުރެވޭ މަސްވެރިކަމެއް އެތައް ޤަރުނައެއް ވަންދެން ދަމަހައްޓައި ޒަމާނާ އެއްގޮތަށް ތަރައްޤީކުރެވިފައި އޮތްއޮތުމަކީ، އެކަމަށް ދިވެހިން ހާއްސަ ސަމާލުކަމެއް ދީފައިވާކަން ރަމްޒުކޮށްދޭކަމެއްކަމުން، ކަނޑުގެ މާހައުލާއި ވަށައިގެންވާ ވެށި އަދި އެވެށީގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމާއެކު، އަންނަން އޮތް ޖީލުތަކަށް އޭގެ ދުޅަހެޔޮކަންމަތީ ފޯރުކޮށް ދިނުމަކީ މިއަދު އަޅުގަނޑުމެންގެ އެންމެންގެ ޒިންމާއެއްކަމަށް ވިދާޅުވެފައި ވެއެވެ.

މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްވެރިކަން ތަރައްޤީކުރުމަށް މިއިން ދުވަހަކު ނުކުރާ މިންވަރަށް މަސައްކަތް ކުރަމުންދާއިރު، އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކާއެކު ކަނޑުގެ ވެއްޓަށްކުރާ ނޭދެވޭ އަސަރުތައްކަމަށެވެ. މިގޮތުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކަނޑުމަހުގެ ބާވަތްތައް ދުރު ސަރަޙައްދުތަކަށް އަދި ކަނޑުގެ ފުން ހިސާބުތަކަށް ހިޖުރަކުރުމުގެ ނަތީޖާއަކީ، އަޅުގަނޑުމެން ދޮށްޓާއި އަތުނަނު ބޭނުންކޮށްގެން ކަނޑުގެ މަތީ ފަށަލައިން މިކުރާ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރުކޮށް މަސްވެރިކަމުގެ ނުމޫސުން ދިގުވެ އޭގެ ނޭދެވޭ އަސަރު ސިނާޢަތަށް ކުރަމުންދިއުންކަން މިނިސްޓަރު ފާހަގަކުރައްވާފައި ވެއެވެ.

މިނިސްޓަރު ވިދާޅުވީ، މޫސުމީގޮތުން ދިމާވަމުންދާ ގޮންޖެހުންތަކަކީ ދުނިޔޭގެ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިގެން މެނުވީ ހައްލު ކުރެވޭނެ މައްސަލައަކަށް ނުވާ އިރު، ބަވަނަ ވަމުންދާ އަދުގެ ދުނިޔޭގައި މިކަމަށް އަވަސް ހައްލެއް ގެނައުމަށް ހުރި ގޮންޖެހުންތައް ގިނަގުނަކަމަށެވެ. އެހެންކަމުން، މޫސުމީ ބަދަލުތަކަށް ހޭނި އެކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް ގައުމީ ފެންވަރުގައިވެސް އަޅައި ދުރާލައި ތައްޔާރުވާންޖެހޭކަމަށެވެ. އަދި، އަޅުގަނޑުމެންގެ ކަނޑުގެ މާހައުލު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ފަރުދީ ޒިންމާ އަދާކުރުމާއެކު، ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމުގައި ނޫއިޤްތިޞާދު އެއީ ނާރެހެއްކަމުގައި ބަލައި ކަނޑުން ލިބޭ ނަފާ އިތުރުކުރުމަށް ގުޅިފައިވާ ސިނާޢަތްތައް ސިންދަފާތުކުރަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އޯޝަން ޑެކޭޑްގެ ދަށުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކަނޑު، ފަޅާއި، ފަރު އަދި މި މާހައުލުތަކުގެ ދިރުންތަކާގުޅޭ ދިރާސާތައް ކުރުމާއި، އެކަމަށް ބޭނުންވާ މީހުން ބިނާކުރުމާއި، އައު ޓެކްނޮލޮޖީ އީޖާދުކޮށް ތަޢާރުފުކުރުން ފަދަ ކަންތައްތަކަށް އިސްކަންދީގެން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގައުމާއި މުޙާތަބްކުރައްވައި ދެއްވި އެންމެ ފުރަތަމަ ތަގްރީރުގައިވެސް ސަރުކާރުގެ އަސާސްތައް ބިނާވެގެންވަނީ ދިރާސާތަކުގެ އަލީގައި ކަން ފާހަގަކުރައްވާފައިވުމަކީ މިކަމަށް ބާރު ދޭ ކަމެއްގެގޮތުގައި މިނިސްޓަރު ފާހަގަކުރައްވާފައި ވެއެވެ.

މިނިސްޓަރުގެ ޚިޠާބުގައި، ކަނޑުގެ މައްޗަށް ބަރޯސާވެފައިވާ މުހިއްމު ސިނާޢަތްތައްކަމުގައި މަސްވެރިކަމާއި، ފަތުރުވެރިކަން އަދި ކަނޑުގެ މާހައުލުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް މަސައްކަތްކުރާ ފަރާތްތަކުން ކަނޑުތަކުގެ ދުޅަހެޔޮކަމާއި ދިރުންތައް ރައްކާތެރިކުރުމާބެހޭ މުހިއްމު މަޢުލޫމާތު އެއްކޮށް، އެމަޢުލޫމާތު ބަދަލުކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމްކުރުމަކީ ކޮންމެހެން މުހިއްމުކަމެއްގެގޮތުގައި ފާހަގަކުރައްވާފައި ވެއެވެ. އަދި މިއީ، ކަނޑުގެ މާހައުލު ބެލެހެއްޓުމުގައްޔާއި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ފިޔަވަޅުތައް އެޅުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ވަސީލަތަކަށް ވެގެންދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

މިލިޔުމާއި ގުޅޭ