ކަނޑަކީ ދިވެހީންގެ އަމިއްލަވަންތަކަމުގައި ހިމެނިފައިވާކަމެއްކަމުން، އެ ކަނޑު ހިމާޔަތްކުރުމަކީ ދިވެހީންގެ މައްޗަށް ލާޒިމުކަމެއް ކަމެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން މީސް މީޑިއާގައި މިނިސްޓަރު ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ކަނޑަކީ ހަމައެކަނި ދިވެހި އިޤްތިޞާދުގެ ބައެއް ނޫންކަމަށާއި، އެއީ ރާއްޖޭގެ އިޤްތިޞާދާއި، ޘަޤާފަތާއި، ދިރިއުޅުމުގެ ވައްޓަފާޅިކަމަށެވެ. އެހެންކަމުން ކަނޑު ހިމާޔަތްކޮށް ދެމެހެއްޓުމަކީ ދިވެހީންނަށް ހަމައެކަނި ސިޔާސަތެއްގެ ގޮތުގައި އިޚްތިޔާރުކުރެވޭނެ ކަމެއް ނޫންކަމަށާއި، އެއީ ކޮންމެހެން ކުރަންޖެހޭ ދިވެހީންގެ އަމިއްލަވަންތަކަމުގައި ހިމެނިފައިވާ ކަމެއްގެގޮތުގައި މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
ކަނޑުތަކަށް ކުރިމަތިވާ ނުރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ މަގުސަދުގައި، ކޮންމެ އަހަރެއްގެވެސް ޖޫންމަހުގެ 8 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަހަކީ އދ.ގެ ހުރިހާ މެމްބަރު ގައުމުތަކުން ފާހަގަކުރާ ދުވަހެކެވެ. ކޮންމެ އަހަރަކުވެސް އާ ޝިއާރެއް ކަނޑައަޅައި، އެކި ފެންވަރުގައި ދަނީ ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ. މި އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ޝިއާރަކީ ”ވޮންޑާ: ސަސްޓެއިން ވަޓް ސަސްޓެއިން އަސް“ އެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ”އޯޝަން ކުއިޒް“ގެ ނަމުގައި މިނިސްޓްރީން މިއަދު ވަނީ 10 ދުވަހުގެ ކުއިޒްއެއް ފަށާފައެވެ. 20 ސުވާލު ހިމެނޭގޮތައް ކުރިޔަށްގެންދާ މިކުއިޒުގައި ކަނޑުތަކާ ބެހޭ މުހިންމު ސުވާލުތައް ކޮންމެ ދުވަހަކުވެސް މިނިސްޓްރީގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރާނެއެވެ. ކުއިޒްގައި ބައިވެރިވެވެނީ ސުވާލު ޕޯސްޓްގައި ކޮމެންޓެއްގެ ގޮތުގައި ޖަވާބު ޕޯސްޓްކޮށްގެންނެވެ.
މިނިސްޓަރު ޝިޔާމް މިހާރު ހުންނެވީ އދ ގެ އޯޝަން ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށް ފްރާންސްގަ އެވެ. އެ ބައްދަލުވުމުގެ އިފްތިތާހީ ސެޝަންގައި މިނިސްޓަރު ތަގްރީރު ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.