back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މެރިކަލްޗަރ ޒޯނުތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތު އަންނަމަހު ހުޅުވާލަނީ

މެރިކަލްޗަރ ޒޯންތަކުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް އަންނަ މަހު ހުޅުވާލާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

މިނިސްޓަރުގެ ބަސްދީގަތުމުގައި، ކަނޑުރޯދި ނަފާ އިތުރުކުރުމަށްޓަކައި މެރިކަލްޗަރ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު މަސައްކަތްޕުޅެއްކަން ފާހަގަކުރައްވައި، މެރިކަލްޗަރ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އަދާހަމަކުރެއްވިއެވެ. އެގޮތުން، މެރިކަލްޗަރއަށް ވަކި ޒޯންތަކެއް ކަނޑައަޅައި، އެ ޒޯންތައް ކުއްޔަށްދޭނެ އުސޫލުތައް އެކުލަވާލައި، އެކަމާ ގުޅޭ ގަވައިދު ގެޒެޓްކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ މެރިކަލްޗަރ ސިނާއަތް ބައްޓަންކުރަމުންދަނީ ބޭރުގެ އިންވެސްޓަރުންނަށް އެ ސިނާއަތުގައި ފުރުސަތުތައް ފަހިވާނެގޮތްތަކަށް ބަލައިގެން ކަމަށާއި، ބޭރުގެ އިންވެސްޓަރުން އައިސް ރާއްޖޭގެ މެރިކަލްޗަރއަށް އިންވެސްޓްކުރާނެ މާހައުލެއް އުފެއްދުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ. އެގޮތުން، މި ސިނާއަތުގައި ރާއްޖެއާ ވާދަކޮށްފާނެހެން ހީވާ ދުނިޔޭގެ މެރިކަލްޗަރ ސިނާއަތް ކުރިއަރާފަހުރި ގައުމުތަކުން ދޭ ލުއިތަކަށްވުރެ ރަނގަޅު ލުއިތަކެއް ދިނުމުގެގޮތުން، އިންވެސްޓަރުން އަތުން އެކުއިސިޝަން ފީއެއް ނުނެގުމާއި، ފުރަތަމަ 3 އަހަރު ދުވަހު ކުލިދައްކަން ނުޖެހޭގޮތައް ހަމަޖެއްސުން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށްކަންނޭގެ މެރިކަލްޗަރުކުރުމަށް ސަރުކާރަކުން ސަރަހައްދުތަކެއް މިކަނޑައެޅީ. ކަނޑައަޅާފަ އަދި ސަރަހައްދުތަކުގެ އިންވެސްޓްކުރާ ފަރާތްތަކަށް ވަރަށް ރަނގަޅު ލުއިތަކެއްދެވިފަ. އޭގެތެރޭގައި އިކުއިސިޝަން ކޮސްޓެއް އަޅުގަނޑުމެން ނުނަގާ. އަދި ހަމަ އެއާއެކީގައި ލޭންޑް ރޭންޓަކާވެސް ނުލައި. އެފަރާތްތަކަށް އަސްލު ހަގީގަތުގައި ކުރަންޖެހޭ އިންވެސްޓްމެންޓް ވަރަށް ބޮޑަށް ކުޑަވެގެންދާނެ.“ މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ މެރިކަލްޗަރ ޒޯންތަކުގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާ މެރިކަލްޗަ ކުރާ ބޭރުގެ ބައެއް ފަރާތްތަކުން މިހާރުވެސް ޕްރޮޕޯޒްލްތައް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށެވެ. އަދި މިހާރު ތައްޔާރުވަމުންދަނީ މެރިކަލްޗަރ ޒޯންތަކުގައި އިންވެސްޓްކުރުމުގެ ފުުރުސަތު ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލުމަށްކަމަށާއި، އަންނަ މަހު ބިޑަށް ހުޅުވާލާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ދެން އިރާދަކުރެއްވިއްޔާ މިހާރު އަޅުގަނޑުމެން ހަމަ ތައްޔާރުވަނީ އެ (ބިޑަށް)ހުޅުވާލުމުގެ މަސައްކަތައް. ބިޑް ޑޮކިއުމެންޓް ތައްޔާރުކޮށްފަ، އަޅުގަނޑުމެން މި ގަސްދުކުރަނީ އަންނަ މަހުގެ އިރާދަކުރެއްވިއްޔާ ފަހުކޮޅު ހުޅުވާލެވި ތިންމަސް އިރާދަކުރެއްވިއްޔާ މި ޚާއްސަކުރަނީ ބޭރުގެ އިންވެސްޓްމެންޓްތަކަށް. ތިންމަސްދުވަސް ޚާއްސަކޮށްފަ އަޅުގަނޑުމެން ބަލާނަން ބޭރުގެ ރަނގަޅު އިންވެސްޓްމެންޓްތައް ރާއްޖޭގެ މެރިކަންޗަރއަށް އާދޭތޯ.“ މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާރު މެރިކަލްޗަރ ކުރަމުންދަނީ ވަރަށް ކުޑަ ސްކޭލް އެއްގައި ކަމަށާއި، މެރިކަލްޗަރ ވަކި ސިނާއަތެއްގެ ގޮތުގައި ފަށައި، ކޮމާޝަލް ސްކޭލްއެއްގައި މެރިކަލްޗަރ ކުރެވޭނަމަ، ރާއްޖެއަށް އިމްޕޯޓްކުރާ ސީފުޑްގެ ބައެއް ބާވަތްތައް އިމްޕޯޓްކުރަން ނުޖެހޭނެކަމަށެވެ.

”މެރިކަލްޗަރ ދިވެހިރާއްޖޭގަ މިކުރަނީ ވަރަށް ކުޑަ ސްކޭލްއެއްގަ. އަނެއްހެން ކޮމިއުނިޓީ ސްކޭލްގަ މިކުރެވެނީ. އަދި މެރިކަލްޗަރ ދިވެހިރާއްޖޭގައި މިއޮތީވެސް ވަރަށް އިންފެންޓް ސްޓޭޖެއްގަ، ވަރަށް ޅަފަތުގަ މިއޮތީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މެރިކަލްވޗަރ މިގެންނަނީ ކޮމާޝަލް ސްކޭލްއަށް.“ މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރިތައް ގާއިމުކުރުމަށްޓަކައި، ހެޗަރީތައް ބިނާކުރުމާއި ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާހައުލުގައި ބޮޑުކުރުމަށް، ފޮރިން އިންވެސްޓްމަންޓްތައް ހިމެނޭގޮތަށް އާންމުކޮށް ހުޅުވާލައިގެން، މެރިކަލްޗަރ ތަރައްޤީކުރާ ޒޯންތަކެއްގެ ގޮތުގައި 5 ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. އެޒޯންތައް ކަނޑައަޅާފައިވަނީ، އެ ސަރަަހައްދެއްގައި ހިމެނޭ ރަށްރަށާއި ފަރުތައް ހިމެނޭގޮތަށެވެ.

މެރިކަލްޗާ ކުރަން ކަނޑައަޅާފައިވާ ޒޯންތައް:

  • ބޮޑުތިލަދުންމަތި މެރިކަލްޗަރ ޒޯން(ހދ. މާފަރު، ހދ.ހިރިނައިދޫ، ހދ. މިލާފަރު، ހދ.އަދާރަފަރު، ށ. ގޮނާފަރު، ހދ.ނައިވާދޫ، 2000ހެކްޓަރުގެ ފަޅުގެ ސަރަހައްދު)
  • މާޅޮސްމަޑުލު އުތުރުބުރީ މެރިކަލްޗަރ ޒޯން(ރ.މާދޫނިފަރު، ރ. ދިގުފަރު، ރ. ފަސްގަޑުފަރު، 1700 ހެކްޓަރުގެ ފަޅުގެ ސަރަހައްދު)
  • މުލަކަތޮޅު މެރިކަލްޗަރ ޒޯން(މ.ދިއްތުނޑި، މ.ވައްނެރު، 540 ހެކްޓަރުގެ ފަޅުގެ ސަރަަހައްދު)
  • ތ އަތޮޅު މެރިކަލްޗަރ ޒޯން(ތ. ފުށި، ތ.ކަނި، ތ. ވައްބަދި، 1000 ހެކްޓަރުގެ ފަޅުގެ ސަރަހައްދު)
  • ކ އަތޮޅު މެރިކަލްޗަރ ޒޯން(މާލެއަތޮޅު ދެކުނުން، ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް 7 ކިލޯމީޓަރު ދެކުނުން އޮތް ޖުމްލަ 73 ހެކްޓަރުގެ ފަރުގެ ސަރަހައްދު)

މެރިކަލްޗަރ ކުރުމަށް ކަނޑައެޅި ޒޯނުތައް ކުއްޔަށް ދިނުމުގައި އަމަލުކުރާނެ އުސޫލުތަކުގެތެރޭގައި، ހެޗަރީގައި ކަނޑުގެދިރުން އާލާކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށާއި ފޮރިން އިންވެސްޓްމަންޓް ހިމެނޭގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުއްޔަށް ދިނުމާއި، ރާއްޖޭގައި މެރިކަލްޗަރ ޞިނާޢަތެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގައި ނެތް ޓެކްނޯލޮޖީއެއް ތަޢާރުފުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ 46 ވަނަ މާއްދާއާއި 50 ވަނަ މާއްދާއާ އެއްގޮތަށް މި ޒޯނުތަކުގެ ރަށްރަށާއި ފަރުތައް ކުއްޔަށް ދިނުމާއި، ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ”ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ“ އާ އެއްގޮތްވާ ގޮތުގެމަތިން 50 އަހަރުގެ މުއްދަތަށް، މި ޒޯނުތަކުގެ ރަށްރަށާއި ފަރުތައް ފޮރިން އިންވެސްޓްމަންޓަށް ކުއްޔަށް ދޫކުރުން ހިމެނެއެވެ. މީގެ އިތުރުން، މުޅި ޒޯނު ނުވަތަ ޒޯނުން ބައެއްގައިވެސް މެރިކަލްޗަރ މަސައްކަތްތައް ކުރުމަށް ޕްރޮޕޯސަލް ހުށަހެޅޭގޮތަށް ހަމަޖެއްސުމާއި، ޒޯނުން ބައެއް ބޭނުންކުރުމަށް ހުށަހަޅާނަމަ، ބޭނުންކުރަން ހުށަހަޅާ ސަރަހައްދުގެ ބޮޑުމިނުގެ ނިސްބަތުން ކުލި ނެގުމާއި، ޒޯނުތައް ކުއްޔަށް ހިފާ ފަރާތްތަކުން އެކުއިޒިޝަން ފީއެއް ނުނެގުމާއި، ފުރަތަމަ 3 އަހަރު ދުވަހުގެ ކުލި މަޢާފުކުރުމަށް ނިންމާފައި ވެއެވެ. މިގޮތަށް ނިންމަވާފައިވަނީ، ރާއްޖޭގައި މެރިކަލްޗަރ ޞިނާޢަތެއް ތަރައްޤީކުރުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ.

މިލިޔުމާއި ގުޅޭ