ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅުވައިގެން ފިޝަރީޒް މިނިސްޓްރީން ޚާއްސަ ”ކުއިޒް“ އެއް ކުރިޔަށްގެންދަން ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މާދަމާ ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅުވައިގެން، ”އޯޝަން ކުއިޒް“ ގެ ނަމުގައި 10 ދުވަހުގެ ކުއިޒެއް ކުރިޔަށްގެންދަން ރާވާފައިވާކަމަށެވެ. އެހެންކަމުން މާދައިމައިން ފެށިގެންް މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 ގައި އެ މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން 2 ސުވާލެއް ޕޯސްޓްކުރާނެކަމަށް މިނިސްޓްރީން ބުންޏެވެ.
އާންމުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި މިނިސްޓްރީން ކުރިޔަށްގެންދާ މިކުއިޒްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ ސުވާލުތަކަށް، އެދުވަހެއްގެ މެންދަމު 12:00 ގެ ކުރިން، ޖަވާބު ކޮމެންޓެއްގެ ގޮތުގައި ޕޯސްޓްކުރުމަށް މިނިސްޓްރީން އެދިފައި ވެއެވެ.
ކުއިޒްގައި ބައިވެރިވާ ފަރާްތްތަކަށް ފިޝަރީޒް މިނިސްޓްރީން ވަނީ ފައިސާގެ އިނާމުތަކެއް ހުށަހަޅާފަ އެވެ. އެގޮތުން އެއްވަނައަށް 1،000ރ، ދެވަނަޔަށް 750ރ އަދި ތިންވަނަޔަށް 500ރ ގެ އިނާމެއް ވަނީ ހުށަހަޅާފަ އެވެ.
ކޮންމެ އަހަރެއްގެވެސް ޖޫންމަހުގެ 8 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަހަކީ އދ.ގެ ހުރިހާ މެމްބަރު ގައުމުތަކުން ފާހަގަކުރާ ދުވަހެކެވެ. ކޮންމެ އަހަރަކުވެސް އާ ޝިއާރެއް ކަނޑައަޅައި، އެކި ފެންވަރުގައި ދަނީ ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ. މީގެ ބޭނުމަކީ ކަނޑުތަކަށް ކުރިމަތިވާ ނުރައްކާތެރިކަމަށް ހޭލުންތެރިކުރުވުމެވެ.