back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އެމްޓީއައި އިން އައްޑޫސިޓިގައި ހިންގާ ނިޔަމި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް(އެމްޓީއައި) އިން އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ނިޔަމި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް އާއި އައްޑޫސިޓީ ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ”ނިޔަމި ކޯސް 2 “ ތަމްރީން ޕްރޮގްރާމަކީ، އައްޑޫސިޓީގައި ކަނޑު އުޅަނދު ދުއްވާ ފަރާތްތަކަށާއި، އަލަށް ކަނޑު އުޅަނދު ދުއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށާއި، މަސްވެރިންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. އަދި މި ކޯހަކީ ކަނޑު އުޅަނދު ދުއްވާ މީހުންނަކީ ލައިސަންސް އޮވެގެން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަނޑު އުޅަނދު ފަހަރު އޮޕަރޭޓްކުރާ ބަޔަކަށް ހެދުމަށާއި ރަށުގައި ތިބެގެން ނިޔަމި ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހިންގަން ނިންމާފައިވާ ކޯހެކެވެ.

އައްޑޫ ސިޓީ ކައުންސިލުން މިހާރުވަނީ،  މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ނަމާއި، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ނަންބަރާއި މެއިލް އެޑްރެސް 10 ޖޫން ވާ އަންގާރަ ދުވަހުގެ ނިޔަލަށް ކައުންސިލް އިދާރާގެ ފޯނު ނަންބަރު: 7925003 އަށް ވައިބަރ ކޮށްދިނުމަށް ކައުންސިލުން އެދިފައި ވެއެވެ. ކައުންސިލް އިދާރާގެ ސޯޝަލް އެފެއާޒް ޔުނިޓްގެ މެއިލް [email protected] އަށް މެއިލް ކޮށްގެންވެސް ތަމްރީން ޕްރޮގްރާމްގައި ނަން ނޯޓްކޮށްލެވޭނެއެވެ. ކޯސް ހިންގަން ނިންމާފައިވަނީ އައްޑޫ ސިޓީ ހިތަދޫ އަވަށުގަ އެވެ.

ނިޔަމި ކޯސް-2އަކީ، ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން 24 މޭލާ ހަމަޔަށް ދަތުރުކުރެވޭ ކެޓެގަރީ-B ގެ އުޅަނދުތަކުގެ ކެޕްޓަންުކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭކޯހެކެވެ. 30 ގަޑީއިރުގެ މުއްދަތަކަށް ކުރިޔަށްގެންދާ މި ކޯހުގައި، ނެވިގޭޝަން، ކޮމިއުނިކޭޝަން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، ސިއްހީ ފުރަތަމައެހީ، ކަނޑު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތައް އަދި ޗާޓު ވޯކްސްގެ ބައިތައް އުނގަންނައިދޭނެއެވެ. މިކޯހުގައި ކިޔަވައިދެއްވާނީ އެމްޓީއައިގެ މުދައްރިބުންނެވެ.

މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް (އެމްޓީއައި) އަކީ ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީގައި މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓްރެއިނިން އިންސްޓިޓިއުޓެވެ. އެ އިންސްޓިޓިއުޓުން މެރިޓައިމް ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ފަންނީ އެތަކެއް ކޯސްތަކެއް ހިންގަ އެވެ. ނިޔަމި ކޯސް-2އަކީ މީގެތެރެއިން އެއްކޯހެވެ. އެމްޓީއައިގެ ކޯސްތައް މާލެސިޓީއަށް މަރުކަޒުވެ ހިންގި ނަމަވެސް، އަތޮޅުތަކަށް އަމާޒުކޮށްވެސް ދަނީ ކޯސްތައް ހިންގަމުންނެވެ. މިހާރުވެސް އައްޑޫ ސިޓީގެ އިތުރުން، ގައްދޫ، އިނގުރައިދޫ ދުވާފަރު އަދި އޮމަދޫގައި ނިޔަމި ކޯސް-2ގެ ހިންގުމަށް އެމްޓީއައިއިން ދަނީ ތައްޔާރުވަމުންނެވެ.

މިލިޔުމާއި ގުޅޭ