އުތުރުގެ އަތޮޅުތަކަށް އަނެއްކާވެސް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން އެންމެ ފުރަތަމަ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރުނީ މިއަދު ހެނދުނު 06:30 އިން މެންދުރު 12:30 އާ ހަމަޔަށެވެ. އޭރު މޫސުމީ ހުދު ސަމާލު ނެރުނީ އުތުރަށް ވައިގަދަވާނެކަމަށް ލަފާކޮށްނެވެ. އެ ސަމާލުގެ ވަގުތު ހަމަވުމުން ދަންމާފައެއް ނުވެއެވެ.
އަނެއްކާވެސް، މިހާރު މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ، ގަޑިއަކު 19 މޭލާއި 24 މޭލުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ހަވީރު 03:30 އިން މިރޭ 09:30 އަށް އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައެވެ.
ޢެއިދާރާއިން މީގެކުރިންވެސް ވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމް ބާރުގަދަވާނެކަމަށް ބެލެވޭތީ، ކުރިޔަށް އޮތް ދުވަސްތަކުގައި އުތުރުގެ ބައެއް އަތޮޅުތަކަށް ވައިގަދަވެ، ކަނޑު ގަދަވެ، އުދަ އަރާނެކަމަށް ލަފާކޮށްފައެވެ. އަދި، އުތުުރުގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
މިމަހުގެ 7 ވަނަ ދުވަހު ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައިވާއިރު، މިހާރު މުޅި ރާއްޖެއަށް ވަނީ ހުޅަނގު މޫސުން ފެށިފައެވެ. އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.