މިފްކޯ ޕޯޓް ޕްލޭންގެ ދަށުން ހުވަދު އަތޮޅުގައި އޮޕަރޭޓްކުރަމުންދާ ހުރިހާ މަސްކިރާ ބޯޓްތަކަކުން މަސްވެރި އޮޑިފަހަރަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާކަމަށް މިފްކޯއިން ބުނެފި އެވެ.
ފިއުލް ސަޕްލައި މޯލްޑިވްސް(އެފްއެސްއެމް)ގެ ސަޕްލައި ލަސްވުމުގެ ސަބަބުން ހުވަދޫ ސަރަހައްދުގައި އޮޕަރޭޓްކުރާ މިފްކޯ ބޯޓްތަކުންް މަސް އޮޑިފަހަރަށް ޑީސަލް ދޫނުކުރެވޭތާ ތިން ދުވަސްވެއްޖެއެވެ.
މި މައްސަލައިގައި މިފްކޯއިން މިއަދު ބުނީ، އެ ކުންފުނީގެ މަސްކިރާ ބޯޓްތަކުން އޮޑިފަހަރަށް ޑިސަލް ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސަމުން އަންނަކަމަށެވެ. އެގޮތުން ތިނަދޫ އަދި ގައްދޫގައި އޮތް ބޯޓްތަކުން މިހާރު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް މިފްކޯއިން ބުންޏެވެ.
ހުވަދު އަތޮޅުގައި މިހާރު ތެޔޮ ލިބެން ހުރި ބޯޓްތަކާއި ސަރަހައްދުތައް:
* ތިނަދޫ ބަނދަރު: މަހާކަލަމިންޖާ
* ގައްދޫ ބަނދަރު: ރަންދި-30
މިފްކޯއިން ބުނީ، މިހާރު ޖަޒީރާ-102 އޮތީ ކޫއްޑޫ ބަނދަރުގައި ކަމަށާއި ތެޔޮ ބަރުކުރުމަށްފަހު އެ ބޯޓް ފަރެސް މާތޮޑާއަށް ވަރަށް އަވަހަށް ދަތުރުފަށާނެކަމަށެވެ. އަދި ޖަޒީރާ-103 ވެސް މިހާރު އޮތީ ކޫއްޑު ބަނދަރުގައި ކަމަށާއި، ޑީސަލް ބަރުކޮށްގެން އެ ބޯޓް ދެން ދަތުރުކުރާނީ ތިނަދޫ ބަނދަރަށްކަމަށް މިފްކޯއިން ބުންޏެވެ.
ފަހަކަށް އައިސް އެފްއެސްއެމްއިން ތެޔޮ ސަޕްލައި ކުރުމުގައި ވަރަށް ބޮޑަށް ލަސްކުރެއެވެ. މިގޮތަށް ލަސްވާ ކޮންމެ ފަހަރަކު އޮޑިފަހަރަށް ތެޔޮ ވިއްކާ މިންވަރު ކޮންޓްރޯލްކުރަން މިފްކޯއަށް މަޖްބޫރުވެއެވެ. އަދި މިފްކޯއަށްވެސް ތެޔޮ ލިބުމުގައި ބައެއް ފަހަރު ދަތިވެ، އައިސް ޕްލާންޓްތަކުގެ އޮޕަރޭޝަން ހުއްޓި މިފްކޯގެ އޮޕަރޭޝަންތަކަށްވެސް ބުރޫއަރާފަހަރު އާދެއެެވެ.
ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެޔޮޅުންގެ ލޮބީއާއެކު ބޭއްވެވި ބައްދަލުވުމުގައި ކެޔޮޅުން އެންމެ ބޮޑަށް ދަތިވާ މައްސަލައެއްގެ ގޮތުގައި ފާހަގަކުރި އެއް މައްސަލައަކީ އެކަށީގެންވާ މިންވަރަށް ތެޔޮ ނުލިބޭ މައްސަލައެވެ. އަދި، ލޮބީންވަނީ އެކަން ހައްލުކުރުމަށް އެޅޭ ފިޔަވަޅެއްގެގޮތުން، މިފްކޯގެ އޮޕަރޭޝަނަށް ބޭނުންވާ ތެޔޮ މިފްކޯއިން އިމްޕޯޓްކޮށް އަދި މަސް އޮޑިފަހަރަށް މިފްކޯ މެދުވެރިވެ ތެޔޮ ވިއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްއެދި ރައީސަށް ކަރުދާހެއް ހުށަހަޅާފަ އެވެ.