އިހަވަންދޫ ފިޝަރީޒް ކޮމްޕެލެކްސް މަޝްރޫއުގެ ދަށުން ތަރައްގީކުރާ ބަނދަރު ފުންކުރަން ތައްޔާރުވެއްޖެއެވެ.
މަޝްރޫއުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ބުނީ، ބަނދަރު ފުންކުރަން ބޭނުންވާ ”ޑްރެޖަރ“ އިއްޔެ ބަނދަރު ސައިޓަށް ގެންގޮސް މޮބިލައިޒްކޮށްފައިވާކަމަށެވެ. ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ސައިޓް މިމަހުގެ 8 ވަނަ ދުވަހު މޮބިލައިޒްކޮށްފައިވާއިރު، މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ އޯގަސްޓް މަހުގެތެރޭގައެވެ. 130 މީޓަރުގެ ދިގު އެއްގަމަށް މަގަތުފާލަމަކާއެކު، 3 ޕޮއިންޓަކުން މަސްކިރޭ ގޮތަށް ގާއިމުކުރާ 3.5 މީޓަރުގެ ފުންމިނުގެ މި ބަނދަރު ހެދުމަށް، 58 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައި ވެއެވެ.
ހއ. އިހަވަންދޫގައި ސަރުކާރުން ގާއިމުކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ 29 ވަނަ ދުވަހުއެވެ. އިސްލާމިކް ޑިވަލޮޕްމެންޓް ބޭންކު، އައިއެސްޑީބީގެ މާލީ އެހީތެރިކަމާއެކު ކުރިޔަށް ގެންދާ މި މަޝްރޫއަށް ޖުމްލަ، 474 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކޮށްފައިވާއިރު، މި މަޝްރޫއުގެ އަމަލީ މަސައްކަތް މި ހިނގާ މެއި މަހު ފަށައި، މަސައްކަތް ފަށާތާ 18 މަސްދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތް ނިންމާލެވޭނެކަމަށް ސަރުކާރުން ބުނެފައި ވެއެވެ.
މި މަޝްރޫއުގައި ހިމެނެނީ:
1. 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް
2. 50 ޓަނުގެ ބްރައިން ފްރީޒިންގއެއް
3. ފެސިލިޓީއަށް ބޭނުންވާ އޮފީސް އިމާރަތް އަދި ގުދަނެއް
4. 7 މީޓަރު ފުން 1000މީޓަރުގެ ދިގުމިން ހުންނަ މަގަތު ފާލަމެއް
5. 3 ޕޮއިންޓުން މަސްކިރޭ 4.5 މީޓަރު ފުން ފާލަން ޖެޓީއާއެކު
ފިޝަރީޒް ކޮމްޕްލެކްސް ތަރައްޤީކޮށް ނިމި އެތަން ހިނގައިގަތުމުން އިހަވަންދޫގައި 150 ވަޒީފާ އުފެދި، މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްޤީވެގެންދާނޭ ކަމަށް ސަރުކާރުން ލަފާކޮށްފައި ވެއެވެ.