އަޟްހާ އީދު ފާހަގަކުރުމަށް ލ. ކަލައިދޫގައި ބާއްވާ ހަރަކާތްތަކުގެތެރޭގައި ހިމެނޭ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
”ކަލައިދޫ ޢީދު އުފާ މަސް ރޭސް 1446“ ގެ ނަމުގައި ބާއްވާ މި މަސް ރޭހަކީ، އަޟްހާ އީދުގެ އުފަލުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުމުގެ މަގްސަދުގައި ކަލައިދޫ ކައުސިލުން އިންތިޒާމުކޮށްގެން ބާއްވާ މަސް ރޭހެކެވެ. ޖޫންމަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ރޭހުގައި ބައިވެރިވާ ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަމަހުގެ 2 ވަނަ ދުވަހުގެ 14:00 އާ ހަމައަށް، ރޭހުގައި ބައިވެރިވާ ފޯމް ފުރިހަމަކުުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހެޅޭނެކަމަށް ކަލައިދޫ ކައުންސިލުން ބުނެފައި ވެއެވެ. ކަލައިދޫ ކައުންސިލުން ބުނީ، މަސް ރޭހުގައި ރަޖިސްޓްރީވުމަށް ދީފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމްތަކާއި، ފުރިހަމަނުކޮށް ހުންނަ ފޯމްތައް ބަލައިނުގަންނާނެކަމަށެވެ.
ރޭހުގައި ބައިވެރިވާ ފޯމާއި، އުސޫލް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބޭނެއެވެ. އަދި، މަސްރޭހާ ގުޅޭގޮތުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައިވާ އެޓޭޗްމަންޓުން ޑައުންލޯޑްކުރެވިދާނެއެވެ.
ކައުންސިލުން ބުނީ، މަސް ރޭހުގައި ބައިވެވޭނީ ޓީމް ލިސްޓް ހުށަހަޅާ ފަރާތްތަކަށް އެކަނިކަމަށާއި، ޓީމެއްގައި ކެޔޮޅު ހިމެނޭހެން މަދުވެގެން 5 މީހުން ނުވަތަ ގިނަވެގެން 10 މީހުން ހިމެނިދާނެކަމަށެވެ. އަދި، 18 އަހަރުން ދަށުގެ އެއްވެސް ކުއްޖަކު ޓީމް ލިސްޓުގައި ނުހިމެނޭނެކަމަށާއި، އެއްވެސް މުއައްސަސާއެއްގެ ނަމުގައިވެސް ޓީމް ލިސްޓް ހުށަނޭޅޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
މަސް ރޭހުގައި ބައިވެރިވާ ޓީމްތަކަށް ތެލުގެ ޚަރަދުގެގޮތުގައި 500 ރުފިޔާ ދޭން ނިންމާފައިވާއިރު ވަނަ ވަނައަށް އަންނަ ޓީމްތަކަށް ފައިސާގެ އިނާމް ދިނުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ. ވަނަ ވަނައަށް އަންނަ ޓީމްތައް ހޮވާނީ ކައުންސިލުން އެކުލަވާލާފައިވާ 5 މެމްބަރުންގެ ކޮމިޓީއަކުންނެވެ. އަދި ވަނަ ކަނޑައަޅަނީ ކޮންމެ ޓީމަކުން ބާނާ މަހުގެ ބަރުދަނަށް ބަލައިގެންނެވެ.
މަސް ރޭހުގެ ވަނަތައް ލިބޭ ޓީމްތަކަށް ދޭން ކަނޑައަޅާފައިވާ އިނާމު:
* އެއްވަނައަށްދާ ޓީމަށް:3000 ރުފިޔާ
* ދެވަނައަށްދާ ޓީމަށް:2000 ރުފިޔާ
* ދެވަނައަށްދާ ޓީމަށް:1500 ރުފިޔާ
މީގެ އިތުރުުން އެންމެ ބަރު މަސް ބާނާ މީހާއަށް އަދި އެންމެ ދިގު މަސް ބާނާ މީހާއަށް 250 ރުފިޔާގެ އިނާމެއް ދިނުމަށްވެސް ކައުންސިލުން ނިންމާފައި ވެއެވެ.
ކަލައިދޫ ކައުންސިލުން ބުނީ، މަސް ރޭހުގައި ބާނާ ހުރިހައި މަހެއް ކިރައި ނިމުމުން އެ މަސް ސާފުކޮށް ޅިއަ އަޅައި ތައްޔާރުކުރަންވާނީ އެ މަސް ބޭނި ޓީމަކުން ކަމަށެވެ. އަދި މަސް ރޭސް ނިންމުމަށްފަހު ބާއްވާ މަސް ފިހުމުގެ ހަރަކާތުގައި ހުރިހަ ޓީމަކުންވެސް ހަރަކާތްތެރިވާންވާނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.