ދިވެހިރާއްޖެއިން ކަންނެލި އެކްސްޕޯޓް ކުރާ މިންވަރު ބޮޑުތަނުން ދަށަށް ގޮސްފައިވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ކަސްޓަމުން ކޮންމެ މަހަކު އެއްފަހަރު އާންމުކުރަމުންދާ ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކުރަމުން އައިސްފައިވަނީ ރޯމަހާއި މަހުގެ އުފެއްދުންތަކެވެ. އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުގެ ތަފުސީލަށް ބަލާލާއިރު ކަންނެލީގެ އެކްސްޕޯޓްދަނީ ދަށްވަމުންނެވެ.
ކަންނެލީގެ ބަވާތްތަކުގެ ތެރެއިން، ރާއްޖެއިން އާންމުކޮށް އެކްސްޕޯޓްކުރަނީ ރީނދޫ އުރަހަ ކަންނެންޏެވެ. މިއަހަރުގެ ފެބްރުއަރީ މަހު 37 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކޮށްފައިވާއިރު، މާޗް މަހު އެކްސްޕޯޓްކޮށްފައިވަނީ 17 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެންޏެވެ. އަދި މިދިޔަ އެޕްރީލް މަހު އެކްސްޕޯޓްކޮށްފައިވަނީ 9 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެންޏެވެ.
ކަންނެލި އެކްސްޕޯޓްކުރާ ކުންފުނިތަކުން ބުނިގޮތުގައި އެކްސްޕޯޓް ދަށްވެފައިވަނީ، ކަންނެލީގެ މަސްވެރިކަން ދަށްވެ، ކަންނެލި މަސްވެރިކަންކުރާ ގިނަ އޮޑިފަހަރު މަހަށް ނުނިކުންނާތީ، ޝިޕްމެންޓައް ބޭނުންވާވަރަށް ސަޕްލައި ނުލިބޭތީކަމަށެވެ. އަދި، ކަންނެލި ސަޕްލައި މިއިން ޒާމާނެއްގައި ދަށަށް ނުދާ މިންވަރަށް ދަށްވެފައިވާކަމަށާއި، ރާއްޖޭގެ ކަންނެލީގެ މަސްވެރިކަން ހުއްޓިދާނެކަމުގެ ބިރު ހީވާކަމަށް ބައެއް ކުންފުނިތަކުން ބުންޏެވެ.
ރާއްޖޭގެ އެތެރޭގެ ބާޒާރަށް ބޭރުގެ ފައިސާ އިންޖެކްޓްކުރާ މައި އެއް ސިނާއަތަކީ، މަސްވެރިކަންކަމަށްވެފައި ކަންނެލި އެކްސްޕޯޓްކުރެވޭ މިންވަރު ދަށަށްދާނަމަ، ރާއްޖޭގެ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.