މޫސުން ރަނގަޅުވެ، ގިނަ އޮޑިތައް މަހަށް ނިކުންނަން ފެށުމާއެކު މާލޭ މަސް މާރުކޭޓުގައި ކަންނެލީގެ އަގު ތިރިވާން ފަށައިފި އެވެ.
ހުޅަނގު މޫސުން ފެށުމުގެ ކުރިން މާލޭ މަސް މާރުކޭޓުގައި އާންމުކޮށް ކަންނެލި ކިލޯއެއް ވިއްކަމުން ދިޔައީ ކިލޯއެއް 40 ރުފިޔާގެ ރޭޓުންނެވެ. އެހެންނަމަވެސް، މިމަހުގެ ކުރީކޮޅު ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވުމުގެ ސަބަބުން، ބައެއް އޮޑިފަހަރު މަހަށް ނުނިކުންނާތީއާއި މަސްވެރިކަން ދަށްވުމުގެ ސަބަބުން މާލޭ މަސްމާރުކޭޓަށް ކަންނެލި ލިބޭ މިންވަރު ދަށްވެ އަގު އުފުލެން ފެށިއެވެ. އަދި ބައެއް ދުވަސް ދުވަހު ކަންނެލި އެއްގޮތަކަށް ލިބެންވެސް ނެތެވެ.
ކަންނެލި ލިބުން ދަތިވުމުގެ ސަބަބުން އަގު ދުވަހުން ދުވަހަށް އުފުލި، މިދިޔަ ބުރާސްފަތި ދުވަހު ކަންނެލި ކިލޯއެއް ވިއްކަމުންދިޔައީ 80-70ރުފިޔާއަށެވެ. އެހެންނަމަވެސް، މިހާރު މޫސުން އަލިވެ ގިނަ އޮޑިފަހަރު މަހަށް ނިކުންނަށް ފެށުމާއިގުޅިގެން ކަންނެލީގެ އަގު ދަނީ ތިރިވަމުންނެވެ. މިދިޔަ ހަފުތާއާ އަޅާކިޔާއިރު، މިއަދު މާރުކޭޓުގައި ތަންކޮޅެއް ގިނައިން ކަންނެލި ލިބެން އެބަހުއްޓެވެ. ކަންނެލި ވިއްކަމުން ދަނީ 65-50ރުފިޔާއަށް ކިލޯއެއްގެ ރޭޓުންނެވެ.
މަސްމާރުކޭޓުގައި ކަންނެލި ވިއްކާ ފަރާތްތަކުން ބުނަނީ، އުންމީދަކީ އަވަހަށް މަސްވެރިކަން ރަނގަޅުވެ، މާރުކޭޓުގައި ކަންނެލި ތިޔާގިވުންކަމަށެވެ. އޭރުން ކުރީގެ ރޭޓަށް އަގު ތިރިކުރެވިދާނެކަމަށް އެމީހުން ބުންޏެވެ. މާލޭ މަސްމާރުކޭޓުން އެންމެގިނަ އަދަދަކަށް ކަންނެލި ގަންނަމުންދަނީ ރިސޯޓްތަކަށް މަސް ސަޕްލައިކުރާ ފަރާތްތަކުންނެވެ. އެމީހުންބުނީ، ކަންނެލި އެކަށިގެންވާ ވަރަށް ނުލިބޭތީ ސަޕްލައިއަށް ދަތިވެފައިވާކަމަށެވެ.
މާލޭ މަސްމާރުކޭޓްގައި މިއަދުގެ އެންމެ ތިޔާގީ ކަޅުބިލަމަހެވެ. ކަޅުބިލަމަސް ވިއްކަން ހުރީ 35-30ރުފިޔާއަށް ކިލޯއެއްގެ ރޭޓުންނެވެ. ރެއްސާއި މުށިމަސްވެސް މިއަދު ކޮންމެވެސް ވަރަކަށް އެބަހުއްޓެވެ. ރެހި ޖޯޑެއް ވިއްކަމުންދަނީ 20-10ރުފިޔާގެ ރޭޓުންނެވެ. މުށި މަހެއް ވިއްކަން ހުރީ 10 ރުފިޔާ އަށެވެ.