މެރިޓައިމް ނުވަތަ ކަނޑުދަތުރުފަތުުރުގެ ތަމްރީންދޭ މަރުކަޒުތަކުން އަމަލުކުރަންޖެހޭ އުސޫލެއް ކަނޑައަޅައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އެކުލަވާލާ ތަންފީޒުކުރަން ތައްޔާރުވަމުންދާ މިއުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެ މިނިސްޓްރީން މިކަމަށް އާ އުސޫލެއް އެކުލަވާލީ ކަނޑުދަތުރުފަތުރުގެ ތަމްރީނުދޭ އަމިއްލަ މަރުކަޒުތަކުގެ ޚިދުމަތްތައް ރަނގަޅުކުރުމުގެ މަގުސަދުގައެވެ.
އަލަށް ތައާރަފުކުރެވޭ މި އުޞޫލުގެ ދަށުން، ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ކޮންމެ ކޯހެއް ފެށުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މިނިސްޓްރީއިން ކަނޑައަޅާ މުއްދަތުގެ ތެރޭގައި މިނިސްޓްރީ އިން ކަނޑައަޅާ ވަކި ފޯމެޓެއްގައި ތައްޔާރުކޮށް ހުށަހަޅަންޖެހެއެވެ. އަދި، ކޯސް ނިމުމުން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ރިޕޯޓުތަކާއި ފޮޓޯތައް ކަނޑައަޅާ މުއްދަތުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ. މީގެއިތުރުން، ކޯހެއްގެ ބެޗެއް ހިންގާނަމަ މިނިސްޓްރީގެ ހުއްދަ ވަކި ވަކި ކޮންމެ ބެޗަކަށް ނަގަންޖެހެއެވެ. އަދި، ދުވަހުން ދުވަހަށް ކްލާހުގެ ހާޒިރީ އަދި ކްލާސް ކުރިއަށް ގެންދާގޮތުގެ ފޮޓޯ މިނިސްޓްރީއަށް ހުށަހަޅަންޖެހެއެެވެ.
މި އައު އުޞޫލާއި ޚިލާފަށް ކޯސްތައް ހިންގާ މަރުކަޒުތަކާ މެދު ފިޔަވަޅުއަޅައި އެފަދަ މަރުކަޒުތަކުން ހިންގާ ކޯސްތަކަށް ހުއްދަ ނުދޭގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އަލަށް މިގެނައި ބަދަލުތަކުގެ ސަބަބުން، ކަނޑުދަތުރުފަތުރުގެ ދާއިރާއަށް ޚާއްޞަކޮށް ހިންގާ ކޯސްތަކުގެ ފެންވަރު ރަނގަޅުވެ، ދަރިވަރުންނަށް ދެވޭ ތަޢުލީމާއި ތަމުރީނުގެ ފެންވަރު މަތިވެ، ސަލާމަތާއި ރައްކާތެރިކަމަށް އިތުރު އަހައްމިއްޔަތުކަމެއް ދެވިގެންދާނެ އެވެ.