ދިވެހިރާއްޖެއަށް ލިބިފައިވާ ގުުދުރަތީ ރީތިކަމުގެ ނިއުމަތަށް ރައްކާތެރިވެވޭނީ ދިރޭ ތަކެތީގެ ނަސްލު ޙިމާޔަތްކޮށް ދަމަހައްޓައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދިރޭ ތަކެތީގެ ނަސްލުގެ ދުވަހާ ގުޅުވައިގެން މީސް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ މެސެޖުގައި ގުދުރަތީ ރީތިކަމަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތްކަމަށެވެ. އަދި، މި އަގުހުރި ނިޢުމަތަށް ރައްކާތެރިވެވޭނީ، ދިރޭ ތަކެތީގެ ނަސްލު ހިމާޔަތްކޮށް ދަމަހައްޓައިގެންކަމަށް ވިދާޅުވެފައިވެއެވެ.
މިއަހަރުގެ ދިރޭތަކެތީގެ ނަސްލުގެ ދުވަހުގެ ޝިއާރެއްގެގޮތުގައި ކަނޑައަޅާފައިވަނީ، ”ހާމަރނީ ވިތު ނޭޗަރ އެންޑް ސަސްޓެއިނަބަލް އެނަރޖީ“ ނުވަތަ ގުދުރަތީ އަދި ދެމެހެެއްޓެނިވި ހަކަތައާއެކު އެއްވަންތަކަން“ އެވެ.
ރާއްޖެއަކީ އެއްގަމާއި ކަނޑަށް ބަލާލިނަމަވެސް، ގުދުރަތީ ގޮތުން ރީތި ވެއްޓެއް އޮތް ގައުމެކެވެ. ޚާއްސަކޮށް ކަނޑުގެ ދިރުންތައް ތަނަވަސް ގައުމެކެވެ. އެހެންކަމުން ކަނޑުގެ މާހައުލީ ނިޒާމަށް ފަރުވާތެރިވެ މަސްވެރިކަން ކުރުމުގައްޔާއި، އަދި އިގުތިސާދީ ނަފާހޯދަން ކަނޑުގައި ކުރަމުންދާ މަސައްކަތުގައި ކަނޑުގެ މާހައުލީ ނިޒާމަށް ގެއްލުން ނުވާނެގޮތައް އަމަލު ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.ކަނޑުގެ ދިރުންތަކައް ގެއްލުން ލިބޭގޮތައް ހިންގޭ ކޮންމެ އަމަލަކީ،މަސްވެރިކަމުގެ ސިނާޢަތަށް އޭގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަމަކަށްވާއިރު، ސީދާގޮތުންނާއި ނުސީދާގޮތުން މިއީ ރާއްޖޭގެ އިޤްތިޞާދަށް އޭގެ އަސަރުކުރާނެކަމެކެވެ.