ޅ. އަތޮޅު ގާއެރިފަޅު ކައިރީގައި ރޭ މެންދަމު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 5 މީހަކަށް އެކި ވަރުގެ އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ފީނަން ގޮސް އުޅުނު ބަޔަކު ތިބި ޑިންގީއެއްގައި ލޯންޗަކުން ޖެހުމުގެ ސަބަބުންނެވެ. އެޑިންގީއަކީ، ރ މަޑުއްވަރީގައި މަސްވެރިކަންކުރަމުން އަންނަ އޮޑިއެއްގެ ޑިންގީއެކެވެ.
ރޭ 11:30 ހާއިރު ހިނގި މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 12:33 ގައެވެ. ފުލުހުން ބުނީ، މި އެކްސިޑެންޓުގައި 5 މީހަކަށް އަނިޔާވިކަމަށާއި، މީގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާވި މީހުންނަށް ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އިތުރު ފަރުވާއަށް މާލެ ގެނައުމުގެ އިންތިޒާމު ހަމަޖައްސަމުންދާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މި ހާދިސާގައި އަނިޔާވި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ. އެކްސިޑެންޓުގެ ސަބަބުން ޑިންގީ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.
މި ފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކަނޑުމަތީގެ ދަތުރުފަތުރުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ. އަދި ރޭގަނޑު ވަގުތުތަކުގައި ކަނޑުމަތީގައި ދުއްވާއިރު އިތުރު ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވައެވެ.