އަންނަ އަޟްހާ އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން ބ. ދަރަވަންދޫ ކައުންސިލުން ކުރިޔަށްގެންދާ ”މަގޭ ޢީދު 1446 ޕްރޮގްރާމް“ ގެ ތެރޭގައި ހިމަނައިގެން މަސް ރޭހެއް ބާއްވަން ނިންމައިފި އެވެ.
ދަރަވަންދޫ ކައުންސިލްގެ ފަރާތުން އިންތިޒާމު ކޮށްގެން ކުރިޔަށްގެންދާ ”ހަނީބަނީ މަސްރޭސް 1446“ ބާއްވަން ނިންމާފައިވަނީ، ޖޫން 8 ވަނަ ދުވަހުގެ 14:30 ން 21:30 އަށް ދަރަވަންދޫގަ އެވެ. މި މަސްރޭސް ބޭއްވުމުގެ ބޭނުމަކީ ދަރަވަންދޫ ރައްޔިތުންނާއި މަގޭ ޢީދު 1446ގައި ބައިވެރިވުމަށް ދަރަވަންދޫއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް މަސްވެރިކަމަށް ލޯބިޖެއްސުންކަމަށް ކައުންސިލުން ބުނެފައި ވެއެވެ. ހަނީބަނީއިން ސްޕޮންސަރކޮށްފައިވާ -/30،000 ރުފިޔާގެ މި މަސްރޭހުން ވަނަވަނައަށްދާ ޓީމްތަކަށް ފައިސާގެ އިނާމުތައް ހުށަހަޅާފައި ވެއެވެ.
މަސްރޭހުގައި ހޮވާ ވަނަތަކާއި އިނާމްތައް:
• 01 ވަނަ ޓީމަށް – 15000/ (ފަނަރަހާސް) ރުފިޔާ
• 02 ވަނަ ޓީމަށް – 8000/ (އަށްހާސް) ރުފިޔާ
• 03 ވަނަ ޓީމަށް – 5000/ (ފަސްހާސް) ރުފިޔާ
• އެންމެ ބޮޑު (ބަރު) މަސް ބާނާ ޓީމަކަށް /- 2000 (ދެހާސް) ރުފިޔާ
މި މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ދަރަވަންދޫ ކައުންސިލުން މިހާރުވަނީ ހުޅުވާލާފަ އެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން އެކަމަށް ކަނޑައަޅާފައިވާ ފޯމް މެއި 31 ވަނަ ދުވަހުގެ 23:59ގެ ކުރިން ހުށަހެޅުމަށް ކައުންސިލް އިދާރާއިން އެދިފައިވެއެވެ. މަސް ރޭހުގެ ގަވައިދުގައިވާގޮތުންނަމަ، ރޭހުގައި ބައިވެރިވާ ކޮޮންމެ ޓީމެއްގައި މަދުވެގެން 4 މެމްބަރުން ތިބެންޖެހެއެވެ. ޓީމުގައި، އަންހެން އަދި ފިރިހެން ކުދިންނާއި މީހުންނަށް ބައިވެރިވެވެއެވެ. 16 އަހަރުން ފެށިގެން ދަށުގެ ކުދިން ބައިވެރިކުރާނަމަ، އެކުއްޖަކާ ހަވާލުވާނެ ފަރާތެއްގެ ކައުންސިލަށް އަންގަންޖެހެއެވެ.