ކުރިޔަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ސަރަހައްދަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފި އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ، ކުރިޔަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އަދި މިވިއްސާރައިގައި ޚާއްސަކޮށް މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް އެއިދާރާއިން ބުނެފައި ވެއެވެ.
ކުރިޔަށް އޮތް 24 ގަޑީއިރަށް މޫސުން ކުރިޔަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، މިއަދު މެންދުރުފަހުން ފެށިގެން ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާކަމަށެވެ. ވައި ޖެހޭނެކަމަށް ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި، ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކުރެވެނީ 3 – 5 ފޫޓު އުސްމިނުގައިކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.
ކުރިޔަށް އޮތް ތިންދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެ، މޫސުމީ ބެހޭ މައުލޫމާތު އަދާހަމަކުރުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައި ވެއެވެ. މި ވަގުުތު ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް މޫސުމީ ސަމާލު ނެރެފައެއް ނެތެވެ.