މެރިޓައިމް ޓްރޭނިންގ އިންސްޓިޓިއުޓް(އެމްޓީއައި) އިން ރ. ދުވާފަރުގައި ހިންގާ ނިޔަމި ކޯސް-2 ކާމިޔާބުކަމާއެކު ކުރިޔަށްދާކަމަށް އެ އިންސްޓިޓިއުޓްއިން ބުނެފި އެވެ.
މިމަހުގެ 15 ވަނަ ދުވަހު ދުވާފަރުގައި ފެށި މި ކޯހަކީ، ކަނޑު އުޅަނދު ދުއްވާ މީހުންނަކީ ލައިސަންސް އޮވެގެން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަނޑު އުޅަނދު ފަހަރު އޮޕަރޭޓްކުރާ ބަޔަކަށް ހެދުމަށާއި ރަށުގައި ތިބެގެން މި ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ދުވާފަރު ޔޫތު މޫވްމެންޓާ ގުޅިގެން ހިންގާ ކޯހެއްކަމަށް އެމްޓީއައި އިން ބުންޏެވެ. އަދި މި ކޯހުގައި، ރ.އަތޮޅުގައި ލޯންޗު ދުއްވާ ކެޕްޓަނުންނާއި، މަސްވެރިންނާއި، މި ދާއިރާއަށް ޝައުގުވެރިކަން ހުންނަ ފަރާތްތައް ހިމެނޭގޮތުން ޖުމްލަ 35 ފަރާތުން ބައިވެރިވެފައިވާކަމަށާއި، މާދަމާގެ ނިޔަލަށް ކޯސް ކުރިޔަށްދާނެކަމަށް އެމްޓީއައިއިން ބުންޏެވެ.

އެކި އުމުރުފުރާތަކުގެ ބައިވެރިން ހިމެނޭގޮތައް 30ގަޑީއިރަށް ކުރިޔަށްގެންދާ މި ކޯހުގައި، މެރިޓައިމް ނެވިގޭޝަން، ކޮމިއުނިކޭޝަން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، ސިއްހީ ފުރަތަމައެހީ، ކަނޑު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތައް އަދި ޗާޓު ވޯކްސްގެ ބައިތައް ދަނީ އުނގަންނައިދެމުންނެވެ. އަދި، އުޅަނދު ގެންގުޅޭނެ ގޮތާއި، އުޅަނދު މެއިންޓެއިންކޮށް ބަލަހައްޓާނެ ގޮތާއި، ސަލާމަތީގޮތުން އުޅަނދުފަހަރުގަ ފުރިހަމަވާންޖެހޭނެ މިންގަނޑުތަށް ދަސްކޮށްދެމުންދާކަމަށް އެމްޓީއައިއިން ބުންޏެވެ.
ނިޔަމި ކޯސް-2އަކީ، ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން 24 މޭލާ ހަމަޔަށް ދަތުރުކުރެވޭ ކެޓެގަރީ-B ގެ އުޅަނދުތަކުގެ ކެޕްޓަންުކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭކޯހެކެވެ.
މެރިޓައިމް ޓްރޭނިން އިންސްޓިޓިއުޓް (އެމްޓީއައި) އަކީ ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީގައި މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓްރެއިނިން އިންސްޓިޓިއުޓެވެ. އެ އިންސްޓިޓިއުޓުން މެރިޓައިމް ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ފަންނީ އެތަކެއް ކޯސްތަކެއް ހިންގަ އެވެ. ނިޔަމި ކޯސް-2އަކީ މީގެތެރެއިން އެއްކޯހެވެ. އެމްޓީއައިގެ ކޯސްތައް މާލެސިޓީއަށް މަރުކަޒުވެ ހިންގި ނަމަވެސް، އަތޮޅުތަކަށް އަމާޒުކޮށްވެސް ދަނީ ކޯސްތައް ހިންގަމުންނެވެ. މިހާރުވެސް ގައްދޫ، އިނގުރައިދޫ އަދި އޮމަދޫގައި ނިޔަމި ކޯސް-2ގެ ހިންގުމަށް އެމްޓީއައިއިން ދަނީ ތައްޔާރުވަމުންނެވެ.