ފަސްދޮޅަހަށްވުރެ ގިނަ ޓީމާއެކު ”މައި ހުޅުމާލެ“ މަސްރޭސް މާދަމާރޭ ހުޅުމާލޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
”މައި ހުޅުމާލެ“ މަސްރޭހަކީ، ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް، ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 64 ޓީމަކުން ފޯމު ހުށަހަޅާފައިވާކަމަށް އެޗްޑީސީން ބުންޏެވެ. އެޗްޑީސީން ބުނީ، މި މަސްރޭސް ވަރަށް ފޯރިގަދަވާނެކަމަށާއި، މަސްރޭހަށް މިހާރު ފުރިހަމަޔަށް ތައްޔާރުވެފައިވާކަމަށެވެ. މަސްރޭސް ފަށާނީ މާދަމާ ހަވީރު 04:00 ގައި ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިންނެވެ. މަސް ރޭސް ނިންމާލާނީ މާދަމާރޭ ރޭގަނޑު 10:00 ގައެވެ.
ފައިސާގެ ބޮޑެތި އިނާމުތައް ލިބޭގޮތަށް ބާއްވާ މި މަސް ރޭހުގައި ބައިވެރިވާ ޓީމްތަކުގެ ތެރެއިން، އެއްވަނައަށްދާ ޓީމަކަށް 21،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. އޭގެ އިތުރުން، އެންމެ ބޮޑު މަސް ބޭނޭ ފަރާތަކަށް 5،000ރ. އަދި އެންމެ މޮޅު ކެޔޮޅަށްވެސް 5،000ރ. ގެ ފައިސާގެ އިނާމެއް ދޭނެކަމަށް އެޗްޑީސީން ބުންޏެވެ.
މާދަމާ މައި ހުޅުމާލެ މަސް ރޭސް ކުރިއަށްދާ ވަގުތުގައި، ސްކޭޓް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ”ސްކޭޓް ސްކޭޕް“ ކުރިއަށްގެންދިއުމަށްވެސް އެޗްޑީސީން ވަނީ ނިންމާފައެވެ. މިއީ ރޯލަރ ބްލޭޑާސް އާއި ސްކޭޓް ބޯޑާސް އަދި ސްކޫޓަރ ރައިޑަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެއްކަމަށް އެޗްޑީސީން ބުންޏެވެ. މި ހަރަކާތް އޮންނާނީ މާދަމާ 16:00 އިން 22:00 އަށް، ހުޅުމާލޭ ފެރީ ޓާމިނަލް ޕާކުގައެވެ.