މިއަދުވެސް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
ކުރިޔަށްއޮތް 24 ގަޑީއިރަށް މޫސުން ކުރިޔަށް ލަފާކޮށް، މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެެ އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރާގޮތުގައި މިއަދު ކަނޑުތައްވެސް ގަދަވާނެއެވެ. ރާޅު ނަގާނެކަމަށް ލަފާކޮށްފައިވަނީ، 4-7 ފޫޓު އުސްމިނުގަ އެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ވިއްސާރައިގަ ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމީ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. މީގެ އިތުރުން ފުލުހުންވެސް ވަނީ މޫސުމަށް ރައްކާތެރިވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމަށް ބަލައި، މޫސުމީ ސަމާލާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަތުރަށް ފެށުމުގެ ސަމާލަތީ ކަންކަން ފުރިހަމަތޯ ކަށަވަރުކުރުމަށާއި، ހުރިހައި ދަތުރުވެރިން ލައިފް ޖެކެޓް އެޅުވުމަށްވެސް ހަނދާންކޮށްދީފަ އެވެ.