ކުރިޔަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިޔަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭކަމަށެވެ. އެހެންކަމުން އެ ދުވަސްތަކުގައި، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ، އަދި ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމީ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މާދަމާ ހެނދުނު 10:00 އާ ހަމަޔަށް މޫސުން ކުރިޔަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރައި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައި ވެއެވެ.
އެ އިދާރާއިން ލަފާކުރާގޮތުގައި ކަނޑުތައް އާދައިގެ ވަރަަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ އެވެ. އަދި، ރާޅު ނަގާނެކަމަށް ލަފާކޮށްފައިވަނީ 3-6 ފޫޓު އުސްމިނުގައެވެ.