އަމިއްލަ ބޭނުންތަކަށް އޮޑިދޯނިފަހަރު ބަންނަން ބޭނުންވާ ފަރާތްތަކަށް ބިމެއް ދޫކުރަން ރ. ވާދޫ ކައުންސިލުން ނިންމައިފި އެވެ.
ވާދޫ ކައުންސިލުން ވަގުތީ ބިމުގެ ގޮތުގައި ކުއްޔަށް ދޫކުރަން ކަނޑައަޅާފައިވަނީ 1200 އަކަފޫޓު ބޮޑުމިނުގެ 1 ބިމެކެވެ.
ވާދޫ ކައުންސިލުން ވަނީ މިބިމަށް އެދި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް މާދަމައިން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނަންނޯޓްކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މި މުދައްތުގައި، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް ކަައުންސިލް އިދާރާއަށް ގޮސް ނަންނޯޓް ކުރެވޭނެއެވެ. ކައުންސިލުން ބުނީ، ނަންނޯޓުކުރާ ފަރާތްތަކަށް ބިމާބެހޭ މައުލޫމާތު ކަރުދާސް ހަވާލުކުރާނެކަމަށެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، މެއި 22 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައެވެ. އަދި، އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ އެ ދުވަހުގެ ހެނދުނު 11:01ގައި ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގަ އެވެ.
ކައުންސިލުން ބުނީ، ބީލަމުގައި ބައިވެރިވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެކަމަށެވެ. އަދި، އަންދާސީ ހިސާބު ހުށަހަޅަންވާނީ ނަންނޯޓުކޮށްފައިވާ ފަރާތުގެ ނަމުގައިކަމަށްވެސް ކައުންސިލުން ބުންޏެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ ފަރާތްތަކަށް ކައުންސިލް އިދާރާއަށް ގޮސްގެން ނުވަތަ އެއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކޮށްލައިގެން މައުލޫމާތު ސާފުކޮށްލެވޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.