އޯޝަން ހަންޓަރ ފިޝަރީޒް އިން އާންމުކޮށް ހުޅުވާލައިގެން ހުރިހައި އޮޑިފަހަރަށް އައިސް ވިއްކަން ފަށައިފި އެވެ.
އެކުންފުނިން މީގެ ކުރިން އައިސް ވިއްކަމުން އައީ، ކަންނެލި ޕްރޮސެސް ކުރާ ފަރާތްތަކަށާއި، ކަންނެލި އޮޑިފަހަރަށެވެ. އެހެންނަމަވެސް، އާންމުކޮށް ހުރިހައި އޮޑިފަހަރަކަށް އައިސް ވިއްކަން ފެށީ، ކަންނެލި މަސްވެރިކަން ދަށްވުމުގެ ސަބަބުންކަމަށް އެކުންފުނިން ބުންޏެވެ.
އެކުންފުނިން ބުނީ، އައިސް ޕްލާންޓް މިހާރުވެސް ހުރީ ފުލް އޮޕަރޭޝަންގައި ކަމަށާއި، މިއަދުވެސް ކަޅުބިލަމަސްވެރިކަން ކުރާ އޮޑިފަހަރަށްވެސް އައިސް ފްލޭކްސް ވިއްކޭނެކަމަށެވެ. އައިސް ފޮށިގަނޑެއް ވިއްކަމުންދަނީ 1850 ރުފިޔާގެ ރޭޓުންނެވެ. ފޮށްޓެއްގައި 24 ރަބަރު ހަންބުރީގެ އައިސް ފްލޭކްސް ހުންނާނެކަމަށް އޯޝަން ހަންޓަރ ފިޝަރީޒްއިން ބުންޏެވެ.
މާލެ އަތޮޅުގައި ކަންނެލި މަސްވެރިކަން ދަށްވެ، ކަންނެލި ލިބުމުގައި ދަތިތަކެއް ހުރުމާއި ގުޅިގެން މިދިޔަ މަހުގެ 7 ވަނަ ދުވަހު، އެކުންފުނިންވަނީ، ރ އަތޮޅުން ކަޅުބިލަ މަސްގަންނަން ފަށާފައެވެ. އެކުންފުނިން މަސްވެރިން އަތުން މަސް ގަތީ ވަގުތުން ފައިސާދޭގޮތަށް ކިލޯއެއް(1 ކިލޯއިން މަތީގެ) 16 ރުފިޔާގެ ރޭޓުންނެވެ.
އޯޝަން ހަންޓާ ފިޝަރީޒްއަކީ މަސްވެރިން އަތުން މަސްގަނެ، ޕްރޮސެސްކޮށް އެކްސްޕޯޓްކުރަމުން އަންނަތާ 12 އަހަރުވެފައިވާ ކުންފުންޏެކެވެ. މީގެކުރިން އެކުންފުނިން ގަންނަމުން އައީ ކަންނެއްޔެވެ. އެހެންނަމަވެސް، މި ދުވަސްވަރު ކަންނެލި ލިބުމުގައި ދަތިތަކެއް ހުރުމާއެކު ކަޅުބިލަމަސް ގަންނަން ފެށީކަމަށާއި، ރ.އަތޮޅުގައި މިހާރު ކުރިޔަށްގެންދާ އޮޕަރޭޝަންގައި ކުދި ކަންނެލިވެސް ގަންނާނެކަމަށް އެކުންފުނިން ބުންޏެވެ.